ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު، މަހާ ޖައްރާފު ގެންގޮސްފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ލިބިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

Ad
rt

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ލައި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި ގާއިމުކުރާނެއެވެ.

މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކު ރޯޑަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއި އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރުކުރުން ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ދެ އަހަރު ތެރޭ ނިންމާ ގޮތަށް 250 މިލިއަން ރުފިޔާ އަށެވެ.