އަވަހާރަވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަކީ ކޮމަންޑޫ ދާއިރާއަށާއި، އެމްޑީޕީއަށް ވަރަށް ބޮޑު ޚިދުމަތެއް ކުރަށްވާފައިވާ ހުންނެވި ގިނަ ބަޔެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ބޭފުޅެއް ކަމަށާއި، މަރްޙޫމް ޙުސައިން ޚިދުމަތް އަގުވަޒަންކޮށް، ޙުސައިންގެ ޝަރަފަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ، ށ. އަތޮޅަކީ ދެ ވަނަ ޖުމްހޫރީ ޕާޓީގެ އެންމެ ގިނަ މެންބަރުން ތިބި އަތޮޅުކަމަށް ވިދާޅުވެފައެވެ. އަދި އެންމެފަހުން ޖޭޕީން ވާދަކުރި ރިޔާސީ އިންތިޚާބުގައި އެންމެ ރަނގަޅު ތާއީދު ލިބުނު އެއް އޮތޮޅަކީ އެއީކަން ފާހަގަކުރަށްވައި، ކޮމަންޑޫ ދާއިރާއަކީ ވެސް ޖޭޕީގެ މެންބަރުން ތިބި ދާއިރާއެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Ad
rt

ސައުދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ ކޯލިޝަންގެ ބައިވެރިޔާ އެމްޑީޕީން ކުރިން ތަމްސީލްކުރި ގޮނޑިއަކަށްވެފައި، އެ ގޮނޑި ހުސްވުމުން އަލުން އެ ޕާޓީއަށް އެ ގޮނޑި ހޯދައިދިނުމަށް އެހީތެރިވުމަކީ ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޖޭޕީން ކުރުން ރަނގަޅުކަމެއް ކަމަށާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙީމް ކުރަށްވަމުން ގެންދަވަނީ އެ މަސައްކަތްކަމަށެވެ. އަދި މަރްޙޫމް ޙުސައިން އަކީ ޖޭޕީގެ ލީޑަރާއި ވަރަށް ގާތް ބޭފުޅެއްކަން ވެސް ސައުދު ފާހަގަ ކުރެއްވިއެވެ.

ކުރިން އެމްޑިޕީ މެންބަރެއް ކަމަށްވާ މަރްޙޫމް ޙުސައިން އިންނެވި ގޮނޑިއަކަށް ވެފައި، ހުސައިންއަށް ވަރަށް ތާއީދު އޮތް ގޮނޑިއަކަށްވުމުން އެ ލޯގޯއާއި އެ ޝަރަފަށްޓަކައި ވެސް އެ ގޮނޑި ހޯދަންޖެހޭ، އެއީ އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ އެމްޑީޕީ މީހުން ލޯބިވާ ބޭފުޅަކަށްވާތީ، ރައީސް ޞާލިޙާއި، ޖޭޕީ ލީޑަރޔ ޤާސިމް ވެސް ވަރަށް ގާތްބޭފުޅެއް ޙުސައިން އަކީ" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ހޮވުމަކީ އެ ދާއިރާގެ ރަށްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށެވެ. އެ ދާއިރާގެ ރަށްޔިތުންނަށް ވަރަށް ހެޔޮއެދޭ، އެ ދާއިރާގެ ރައްޔިތުންނާ ކުރިންވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއްގެ ހައިސިއްޔަތުން ޖޭޕީގެ ލީޑަރު ޤާސިމް އެ ދާއިރާގެ ރައްޔިތުން ކިބައިން ރާޝިދަށް ވޯޓު ދޭން އެދެމުން ދަނީ އެ ދާއިރާގެ ރަށްޔިތުންނަށް ރަނގަޅުގޮތްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާތީ އެ ބޭނުމުގައި ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލުމަކީ ޖޭޕީ ލީޑަރުގެ ވެސް ތަސައްވުރެއްކަމަށާއި، އަމިއްލަ ޚަރަދުގައި އެކަން ކޮށްދެއްވަން އޭރު ކުރި މަސައްކަތް ނާކާމިޔާބުނުވީ އޭރުއޮތް ސަރުކާރުން އެކަމަށް ހުއްދަ ނުދިނުމުން ކަމަށެވެ. މި ސަރުކާރުން އެ މަޝްރޫޢު ހަގީގަތަކަށް ހަދަމުން އަންނަކަން ފާހަގަކުރަށްވައި އޭނާ ވިދާޅުވީ އެ މަޝްރޫޢުއާއި އެ ނޫންވެސް އެ ދާއިރާގެ ތިން ރަށުގައި ހިނގަމުންދާ މަޝްރޫޢުތަށް ހުއްޓުމެއްނެތި ފުރިހަމަ ކުރުމަށް ވެސް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދު ކަމަށެވެ.