ށ. ގޮއިދޫ ފުޓްސެލް ދަނޑު މަރާމަތުކޮށް އޭ ކެޓަގަރީގެ ދަނޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ އިއްޔެ ވެވުނު މިއެއްބަސްވުމުގައި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި ކޮމްޕެނީ ކަމަށެވެ.
މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދުއެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ލަތީފްއެވެ.
އެގޮތުން 1.3 މިލިއަން ރުފިޔާގެ މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި މިވަނީ 50 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާއި ކައުންސިލާއި ހަވާލު ކުރާ ގޮތަށެވެ. ނަމަވެސް ކައުންސިލުން ވަނީ ހާލަތާއި ގުޅިގެން އެތާރީހަށް މަސައްކަތް ނުނިމުންވެސް އެކަށީގެންވާ ކަމަށް ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެކައުންސިލުން ވަނީ އެރަށުގައި އޭ ކެޓެގަރީގެ ދަނޑެއް އެޅިގެން ދިއުމަކީ ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެކަމަށްޓަކައި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްއަށް، ކައުންސިލާއި އެރަށުގެ ޒުވާނުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ގޮއިދޫ އަކީ ފުޓްސެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަށްތަކުގެ ތެރެއިން ފާހަގަކުރެވިފައިވާ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!