މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ދާއިރާއަށް ކުރި ދަތުރު ނިންމާލައިފިއެވެ.

މިދަތުރާއެކު ދާއިރާގެ ތާއީދު ހަންނާނަށް ބޮޑުތަނުން އިތުވެގެން ގޮސްފައިވާކަމަށާއި، ގޮނޑި ނަގާނީ ބޮޑު ތަފާތަކުންކަމަށް ހަންނާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.

Ad
rt

އެ ދާއިރާއިން ވާހަކަ ދެއްކި ހަންނާނުގެ ބައެއް ސަޕޯޓަރުން ބުނިގޮތުގައި ދާއިރާގައި ހަންނާނުގެ ސަޕޯޓް ދަނީ ދުވަހެއް ދުވަހުން މައްޗަށެވެ. ހަންނާނަކީ މަޖިލިސް ގޮނޑިއަށް އިންތިޚާބުކުރުމަށް ވަރަށް ނަޒާހަތްތެރި، ޢިލްމީ ޤާބިލް ބޭފުޅެއްކަން އެ ސަޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމަންޑޫ ވާހަކަދެއްކި ހަންނާނުގެ ސަޕޯޓަރަކު ބުނީ، ހަންނާނުގެ ތާއީދު ފެންނާނީ ނަގާ "ޕޯލަކުން" ނޫންކަމަށާއި، ވޯޓު ފޮށީގެ ނަތީޖާއިން ކަމަށެވެ. އެމްއެންޕީގެ އިތުރުން ހުރިހާ ފިކުރަކުންނާއި، މިނިވަން ފިކުރުން ވެސް ހަންނާނަށް ވޯޓު އަޅާނެކަމަށް އޭނާ ބުނެފަވެއެވެ.

ހަންނާނުގެ ވައުދުތައް ރައްޔިތުންނަށް ހިއްސާކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: އެމްއެންޕީ

ފޯކައިދޫން ވާހަކަ ދެއްކި ހަންނާނުގެ ސަޕޯޓަރަކު ބުނެފައި ވަނީ ހަންނާނަކީ ވަކި ޕާޓީއެއް، ވަކި ފިކުރެއް ތަފާތުނުކޮށް މަޖިލީހުގައި ވަކާލާތުކޮށްދޭނެ ކެންޑިޑޭޓެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ވަކިއަތަކަށް ނުޖެހި ރައްޔިތުންގެ ހައްގުގައި ހުންނަވާނެކަން، ތަރައްގީއަށް ހުރަހަކަށްނުވެ ސަރުކާރަށް ވެސް ރަނގަޅުކަންކަމުގައި ހަންނާނު އެއްބާރުލުން ދެއްވާނެ ކަމީ އޮތް އަނެއް ޔަގީންކަން، ދާއިރާއަށް ބޭނުންވާ ކަންކަމުގެ ވާހަކަ ފަސްނުޖެހި ދައްކަވަން ކެރޭނެ ކަމަކީ ވެސް ޝައްކެތް އޮތް ކަމެއްނޫން" އޭނާ ބުންޏެވެ.

މަރޮށިން ވާހަކަ ދެއްކި ހަންނާނުގެ ސަޕޯޓަރަކު ބުނީ ހަންނާނު ވަޑައިގަތީ ހުސްއަތާ ނޫންކަމަށާއި، ކުރިމަގުގެ ތަސައްވުރާއި ވައުދުތަކާއެކުގައި ކަމަށެވެ. ފެށުމުގައި ވެސް ހަންނާނު ތަފާތު ދައްކަވައިފިކަމާއި، އެއީ އޭނާއަށް ވޯޓު ޔަގީންވާ އިތުރު ސަބަބެއްކަމަށް އޭނާ ބުނެފަވެއެވެ.

ހަންނާނުގެ ވައުދުތައް ރައްޔިތުންނަށް ހިއްސާކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: އެމްއެންޕީ

މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ހަންނާނާއި، އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ދަތުރުފެށީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ހަންނާނާއި، އެމްއެންޕީގެ ލީޑާޝިޕް އެ ދާއިރާގެ ރަށްތަކަށް ދަތުރުކުރި 4 ވަނަ ފަހަރެވެ.

ވައުދުތައް ހިއްސާކުރުމުގެ ދަތުރުގައި ތިން ރަށުގައި ދޮރުން ދޮރަށް ހިނގާފައިވާއިރު، ކޮންމެ ރަށެއްގައި ވައުދުތަކާގުޅޭ ގޮތުން އާންމުން އިތުރަށް އޮޅުންފިލުވަން ބޭނުންވާ ކަންކަން ކިޔައިދިނުމަށް ސުވާލާއި، ޖަވާބު ދިނުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގެ ސަބަބުން ޕާޓީއަށް އެ ދާއިރާއިން އަލަށް ގިނަ ބަޔަކު ގުޅިފައިވާކަމަށް އެމްއެންޕީން ބުނެއެވެ.

ހަންނާނުގެ ވައުދުތަކާގުޅޭ ގޮތުން ސުވާލާއި، ޖަވާބުގެ ހަރާތް ކުރިއަށް ގެންދަނީ، ފޮޓޯ: އެމްއެންޕީ

ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނިފެސްޓޯގައި ވައުދުތައް ހިމަނާފައިވާއިރު، މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހަރެއްގެ މަތިން ދާއިރާގެ ރަށްތަކަށް ދަތުރުކުރުމަށްފަހު ރަށްޔިތުންގެ އަޑުއަހައި، އެކުލަވަލާފައިވާ ވައުދުތަކެކެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ އެ މެނިފެސްޓޯގައި ނުވާވަރުކަމެއް އަދި ނުފުއްދޭވަރުގެ ވައުދެއް ހިމަނާފައި ނުވާނެ ކަމަށެވެ. ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.