ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ފިކުރަކީ އެކައްޗެއް، ހިޔާރުކުރާނީ އެފިކުރު: އަމްރު

Amru

ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ސިޔާސަތާއި ފިކުރަކީ އެކައްޗެއް ކަމަށާއި، ކޮމަންޑޫ ރައްޔިތުން ހިޔާރުކުރާނީ ވެސް އެމްޑީޕީގެ ފިކުރުކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރޭ ކޮމަންޑޫގައި ކުރިއަށް ދިޔަ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތިން ކަމެއް ހިއްސާކޮށްލަން ބޭނުފުޅުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަބަދުވެސް ދައްކާވާހަކައެއް އޮންނަ ކަމަށާއި، އެއީ ބަޔަކު ތަރައްގީވެ ކުރިއަރައިގެން ދަނީ އެބަޔަކު ތެރެއަށް އަންނަ ފިކުރެއްގެ ސަބަބުންކަމަށާއި، ރަށެއް ކުރިއަރައިގެން ދަނީ އެރަށެއްގެ ބަޔަކަށް އަންނަ ވިސްނުމެއްގެ ސަބަބުންކަމަށާއި އަދި ޤައުމެއް ކުރިއަރައިގެން ދަނީ އެ ފިކުރާ ވިސްނުމާއެކީގައި ގެންނަ ސިޔާސަތުތަކެއްގެ ސަބަބުންކަމަށެވެ.

މި ފިކުރާއި ޚިޔާލަކީ ގަދަކަމުން ސިކުނޑިން ނެރޭ އެއްޗެއްނޫން ކަމަށާއި، މިއީ އެބައެއްގެ ތަބީއަތުގައި ހުންނަކަމެއްކަމަށް ވުމުން އަންނަ އެއްޗެއް ކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން އެބަޔަކަށް އަންނާނީ އެބައެއްގެ ތަބީއަތުގައި ހުންނައެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިޔާސަތުތަކުން ގެނެވުނު ބަދަލުތަކުގެ ތެރެއިން ކުޑަކުޑައެއް ކަމެއް ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތެވެ. މިއީ ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ ރަނގަޅަށް ހިނގާކަމެއް ނޫންކަމަށާއި، މިއަދު ދިވެހިން ބޭރުގައުމުތަކަށް ގޮސް "އަހަރެމެންނަށް ހިލޭ ބޭސްކުރެވޭކަމަށް" ފަޚުރުވެރިކަމާއެކު ބުނެވޭކަމަށް އަމްރު ވިދާޅުވިއެވެ.

"މިވަގުތު ފޮތްފަންސުރު ގަންނަން ވިސްނާފިކުރުކުރާކަށް ނުޖެހޭ، މިއަދު ނުޖެހޭ ސްކޫލް ނިންމާކުދިން ޑިގްރީއަށް ކިޔަވައިދޭނެ ގޮތެއް ހޯދައިދޭން އުޅޭކަށްވެސް، އެހެންކަންކަމާ އުޅުމުގެ ފުރުޞަޠު ލިބިގެން އެބަދޭ، މިކަންކަން މިވަނީ މި ދަންނަވާ ސިޔާސަތުތަކެއް އައުމުން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ރާއްޖޭގައި 2008 އާއި ހަމައަށް އައިއިރުގައި ދައުލަތަށް ލިބެނީ 4،5 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަން އައިސްކުރި ކުޑަކުޑަކަމަކުން އެކަން ބަދަލުވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ކުޑަކުޑަކަމެއް ނޫންތޯ ކުރީ، ޓެކްސް ނިޒާމެއް ތައާރަފްކުރީ، އެއީކީ ދުނިޔެއަށް އަލަށް އައިސްފައިއޮތް އެއްޗެއްނޫން، އަލަށް އީޖާދުކުރި އެއްޗެއް ވެސް ނޫން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކުރަމުން އަންނަ ކަންތައްތައް، އަޅުގަނޑުމެން އެކަންކުރިން، އެކަންކުރެވުނީ އެ އަޒުމެއް އޮތީމަ، އެ ވިސްނުމެއް އޮތީމަ، ފިކުރެއް އޮތީމަ،" އަމްރު ވިދާޅުވިއެވެ.

ކުޑަ މިސާލެއްގޮތުގައި އޭނާ ފާހަގަ ކުރެއްވީ، 2008 ވަނަ އަހަރާއި ހަމައަށް އައިއިރުގައި ރާއްޖޭގެ މީހުން އުޅޭ ރަށަކަށް ފަތުރުވެރިން އަރާ ނިދާލުމަކީ މަނާކަމެއް ގޮތުގައި އޮތް އޮތުމެވެ. އޭރު އެކަންކޮށްފިއްޔާ ޖަލަށް ވެސް ލާނެކަމަށް އޭނާ ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސްބުނީ ފަތުރުވެރިން ނިންދެވޭނޭ ތިބޭފުޅުންގެ ގޭގައި ވެސް، މިއަދު މާފުށި ބަލާލަށްވާ، ބޮޑު ޓޫރިސްޓް ރިސޯޓަކަށްވުރެ ގިނައިން ޓޫރިސްޓުން އެބަތިބި މިވަގުތު ވެސް، 74 މިލިއަން ޑޮލަރު އަހަރަކު މާފުއްޓަށް އެބަވަދޭ،" އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ހައެއްކަ ހަފްތާކުރިން މާފުއްޓަށް ވަޑައިގެން އެ ބަދަލުގެ ސަބަބުން އެރަށަށް އައިސްފައިވާ ތަރައްގީއާއި ކުރިއެރުން ދެކިވަޑައިގަތް ކަމަށެވެ. އެރަށުގައި ވަޒީފާތައް ގިނަވެ، އެރަށު މީހުންނަށް ފުދި އިތުރުވެގެން ރަށުން ބޭރު އެތައް ބަޔަކަށް ވެސް އެރަށުން ވަޒީފާގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މި ކޮމަންޑޫއަކީ މާކުރީ ޒަމާނުއްސުރެން ފެށިގެން އަމިއްލަ ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ބަޔެއްކަން، ތި ބޭފުޅުންނެއް ނޫންތޯ ކޭބަލް ޓީވީއާއި ފޯނުލައިން ވެސް އަމިއްލައަށް އަޅުއްވައިގެން އުޅުއްވީ އަޅުގަނޑުމެން މާލޭގައި ވެސް ބޫތައް ގޮސް ފޯނުކުރާ ޒަމާނުގައި، އެހެންވީމަ ތިބޭފުޅުންގެ އެބަހުރި ހިޔާލާއި ފިކުރު، ތި ބޭފުޅުންގެ ފިކުރާ ސިޔާސަތު ތަކަކީ ވެސް ހަމަ އެމްޑީޕީގެ ވެސް ހިޔާލާ ފިކުރު، އެހެންވީމަ އަޅުގަނޑަށް ޔަގީން ތިބޭފުޅުން ތިބޭފުޅުންގެ ސިޔާސަތުތަކާއި ހިޔާލާއި ފިކުރު ދޫކޮށްފައި އެހެންގޮތަކަށް ދާނެގޮތެއް ނޯންނާނެކަން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ 2008 ވަނަ އަހަރު އައި އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި ހަމައަށް ވޭތުވި ތިން އަހަރު އެފަދަ އެތައް ބަދަލެއް ރާއްޖެއަށް ގެނެސްދެވިފައިވާކަމަށެވެ. އަދި މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ފެނާ ނަރުދަމާނެތް އެއްވެސް ރަށެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓެއް ނެރެގެންއުޅޭއުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މިހާރުވެސް މަޖިލިސްގައި އެމްޑީޕީގެ 64 ގޮނޑިއާއެކު ސްޕާމެޖޯރިޓީއެއް އޮތްކަން ފާހަގަކުރަށްވަމުން، ޕީޕީއެމް މެންބަރެއް ހޮވިގެން ކުރާނެކަމެއް އެނގިވަޑައިނުގަންނަވާކަމަށް އަމްރު ވިދާޅުވިއެވެ. ޕީޕީއެމް ކުރަންއުޅޭހާ ވެސް ކަމަކީ ރައީސް ޔާމީން ޖަލުން ބޭރުގައި ބެހެއްޓުމަށް ކުރާ މަސައްކަތެއްކަމަށް އަމްރު ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮމަންޑޫ ގައި ޒަމާނީ ފެންވަރުގެ ނަރުދަމާއެއް އަޅައި މަގުތަކުގައި ތާރަ އަޅަނީ އަދި ޔުނިވަސިޓީ ކެމްޕަހެއް ގާއިމްކޮށް، ބޭންކެއް ހަދައި ޑޮލަރު އޭޓީއެމެއް އަޅައި، ޓާޝިއަރީ 33 ޑޮކްޓަރުން ގެންނަނީ. މީގެ އިތުރަށް ކޮމަންޑޫ ސްކޫލްގެ ލައިބްރަރީ މުޅިން ޑިޖިޓަލްކުރުމާއި، ކޮމަންޑޫ ރައްޔިތުންގެ ކަރަންޓުބިލަށް ކޮމަންޑޫ އިންޖީނުގެއިން ހާއްސަ ސަބްސިޑީއެއް ދެނީ. އަމާޒަކީ އަންނަ އަހަރު ކޮމަންޑޫ އަކީ ރަށުގައި ތިބެގެން އާމްދަނީ މިހާރަށްވުރެ 22 ގުނަ އިތުރަށް ލިބޭރަށަކަށް ހެދުން. އެގޮތުން އިތުރު ޓޫރިސްޓު މަންޒިލްތައް ކޮމަންޑޫއަށް އުފަން ކުރާނެ.

  2. ކޮމަންޑޫ ގައި ޒަމާނީ ފެންވަރުގެ ނަރުދަމާއެއް އަޅައި މަގުތަކުގައި ތާރަ އަޅަނީ އަދި ޔުނިވަސިޓީ ކެމްޕަހެއް ގާއިމްކޮށް، ބޭންކެއް ހަދައި ޑޮލަރު އޭޓީއެމެއް އަޅައި، ޓާޝިއަރީ 33 ޑޮކްޓަރުން ގެންނަނީ. މީގެ އިތުރަށް ކޮމަންޑޫ ސްކޫލްގެ ލައިބްރަރީ މުޅިން ޑިޖިޓަލްކުރުމާއި، ކޮމަންޑޫ ރައްޔިތުންގެ ކަރަންޓުބިލަށް ކޮމަންޑޫ އިންޖީނުގެއިން ހާއްސަ ސަބްސިޑީއެއް ދެނީ. އަމާޒަކީ އަންނަ އަހަރު ކޮމަންޑޫ އަކީ ރަށުގައި ތިބެގެން އާމްދަނީ މިހާރަށްވުރެ 22 ގުނަ އިތުރަށް ލިބޭރަށަކަށް ހެދުން. އެގޮތުން އިތުރު ޓޫރިސްޓު މަންޒިލްތައް ކޮމަންޑޫއަށް އުފަން ކުރާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *