އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި، ބަޙްރައިން އަށް ވަޑައިގެންފިއެވެ.
ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައިި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވާފައެވެ. އަދި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން އެދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މަނާމާގައި ޤާއިމްވެފައިވާ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މުޙައްމަދު ޒަރްޤާނީ އާއެކު ވެސް ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮއްސައެވެ.
މިދަތުރުފުޅުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26 ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބަޙްރައިންގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޮރ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުޙައްމަދު ބިން މުބާރާކް ބިން ދާއިނާ އާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!