ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރޭ: އެޑިޔުކޭޝަން

Minister-Aishath-Ali

ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެނުން ލާޒިމްވާ ސަބަބުތަކަކީ ކޮބައިކަން ބަޔާންކޮށް އެޑިޔުކޭޝަން މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ.

މިގޮތުން އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަމަށެވެ. އަދި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު މޫނު ފެންނަ ގޮތަށްކަމަށާއި، އެގޮތުން ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އިން ވަނީ ވިދާޅުވެފައެވެ. އަދި އެއީ ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވާބަލް ބިހޭވިއާ ނުވަތަ ހަރަކާތްތައް މުހިއްމު ދައުރެއް އަދާކުރާތީކަމަށް ވެސް ވިދާޅުވެފަވެއެވެ.

"މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ، އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި،" އެޑިޔުކޭޝަންގެ ބަޔާނުގައި ވެ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވާބަލް ބިހޭވިއާ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން މަޖުބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

އެގޮތުން މިވަގުތު ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭ ކަމަށާއި، އަދި އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށްވެސް އެ ނިސްޓްރީން ނެރެފައިވާ ބަޔާނުގައި އިތުރަށް ވިދާޅުވެފަވެއެވެ.

އެޑިޔުކޭޝަނުން މިގޮތަށް ވިދާޅުވިއިރު، މި މައްސަލާގައި ބަހުސް ވަނީ ފުޅާވެފައެވެ. މިގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަނީ ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދޭއިރު އެއީ ކޮން ބައެއްކަމެއް ނޭނގޭ ކަމަށާއި ކިޔަވައިދޭ ވަގުތުތަކުގައި ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާން ޖެހޭ ކަމަށް މިއަދު ބުނެފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ކުރީ ކޮމިޝަނަރ އޮފް ޕޮލިސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) މިއަދު ނެރުނު ބަޔާނެއްގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެކަމަށް ވަނީ ބުނެފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި