އެކެޑަމީން، މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރަނީީ އުތީމު އާދަމްބެ އަށް

Utheem Adam abdull rahman

ދިވެހި ބަހުގެ އެކެޑަމީން، މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރަން ނިންމަވާފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އަލްފާޟިލް އާދަމް ޢަބްދުއްރަޙުމާން، (އުތީމު އާދަމްބެ)އަށް ކަމުގައި އެއެކެޑަމީން ހާމަކޮށްފި އެވެ.

ދިވެހި ބަހުގެ އެކެޑަމީން އަންނަނީ ޤައުމީ ތާރީޚު ދުވަސް އަދި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެދާއިރާތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ތަޚްޞީޞް ކުރައްވަމުންނެވެ. މީގެ އިތުރުން އެދުވަސްތަކަށް ހާއްސަކޮށް ޝިޢާރުވެސް އަންނަނީ އިހްތިޔާރުކުރަމުންނެވެ.

މި އަހަރުގެ ޝިޢާރެއްގެ ގޮތުގައި އިހްތިޔާރުކޮށްފައި ވަނީ އުތީމުގެ އާދަމްބެގެ ޤައުމީ ޖޯޝުން ފުރިފައިވާ ލަވަޔަކުންނެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ "ފެނިލުމުން ދިވެހި ދިދަ ވިހުރިލާ" އެވެ.

ފެނިލުމުން ދިވެހި ދިދަ ވިހުރިލާ
ޖޯޝުގައި ރޫޙް ތާޒާ ވެލާ
މާނަވީ ބާރުގައި ވެރިވެދާ އަސަރުގައި
ވިންދު ޙަރަކާތްވެލާ

މި ޝިޢާރުން ރަމްޒުކޮށްދެނީ ގައުމީ ދިރުމާއި ޝާއިރީ ރިހުމެވެ. ހަމައެހެންމެ މި ޝިއާރު ހިމެނޭ ޅެމަކީ ޤައުމީ މުނާސަބަތުތަކުގައި ބޭނުންކޮށްލަން ޖޯޝީ ރާގެއްގައި ރީތި މިއުޒިކަކާ އެކު ތައްޔާރުކުރައްވައިފައިވާ ފަންނުވެރި ހުށައެޅުމެކެވެ. މިއީ ޤައުމީ ގޮތުން މުޖުތަމަޢަށް ވަރަށް ރަނގަޅު މެސެޖެއް ދެއްވައިފައިވާ ޅެމެއްކަމަށް ދިވެހި ބަހުގެ އެކެޑަމީން ހާމަކޮށްފައިވެއެވެ.

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

1989ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. މި ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ސަރުކާރުން ނިންމެވީ 15 ޖަނަވަރީ 1988ވަނަ އަހަރު އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ.

އަލްއުސްތާޛު އިބްރާހިމް ޝިހާބަކީ ދިވެހި ޅެންވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޝާޢިރެކެވެ. އެއީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބެވެ. ގުލްފާމެވެ. އަދި ޘާޤިބު ވެސް މެއެވެ.

މިދިޔަ އަހަރު ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ހާއްސަކޮއްފައިވަނީ އައްނަބީލާ އަލްމަރުޙޫމާ ފާތިމަތު ސައީދުގެ ހަނދާނަށެވެ. އެކަމަނާއަކީ ދިވެހި އަދަބީ ބަގީޗާގެ ނަރުގިސްމަލެވެ. އައްނަބީލާ ފާތުމަތު ސައީދަކީ މަޝްހޫރު އިލްމުވެރިޔާ އަދި އަދީބު ފަސީލަތުއްޝައިހުލް މަރްހޫމް ހުސެއިން ސަލާހުއްދީންގެ ދަރިކަނބަލުންގެ އިތުރުން އެކަމަނާއަކީ ރާއްޖޭގެ ކުރީގެ ރައީސް އަދި މަޝްހޫރު އަދީބު ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ފުރަތަމަ އަނބުކަނބަލުންނެވެ.

މިދިޔަ އަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރަކީ "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާތިމަތު ސައީދު "އޭ ދިވެހި ގައުމާއެވެ!" މި ސުރުހީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި