ރަށްރަށުގައި ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯނު ސްކީމް"އަށް ރަށްވެހިވެފައިވާ ރަށުގައި ނޫޅުނަމަވެސް އެދެވޭނެ ކަމަށް ނިންމައިފިއެވެ.

އެޗްޑީއެފްސީ ކުރިން އިއުލާން ކުރި ގޮތުގައި ލޯނަށް އެދޭ މީހަކު ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެ ޝަރުތު އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

Ad
rt

މި ޝަރުތު އުނި ކުރުމާއެކު މިހާތަނަށް އެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރި މީހުން، އެޕްލިކޭޝަން އަލުން ހުށަހެޅުމުން ލޯނުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީއެފްސީން ވަނީ ބުނެފައެވެ.

މިލޯނަކީ 6 އިންސައްތަ އިންޓްރެސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ. މި ލޯން ސްކީން އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫންމަހުގައެވެ.

ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން ތައާރަފު ކުރި މި ލޯނަށް އެދޭ މީހެއްގެ ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހުމާއި، ލޯނު ދިނުމުގައި ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެކަނި ދަރިން ގޮވައިގެން އުޅޭ މީހުންނަށް އިސްކަން ދޭނެއެވެ.

މި ލޯނު ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.