ށ. ނޫމަރާ ފަރަށް އެރި ބާޖުގެ ސަބަބުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެރަށު ކައުންސިލުން އެހީއަށް އެދިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތްކުރުމަށް، މި މައްސަލާގައި ޖޫރިމަނާކޮށްފައިވާ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަން ލިބޭނެ މަގެއް ހޯއްދަވައިދެއްވުން އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދަންނަވާފައިވާނެ ކަމަށެވެ.
26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ނަމަވެސް ފައިސާ ދައްކަން އެންގިި މުއްދަތު ހަމަވުމުގެ ކުރިން ބާޖުގެ ވެރިފަރާތުން ވަނީ އެ ނިންމުން އިސްތިއުނާފުކޮށްފައެވެ.
ނޫމަރާ ކައުންސިލްގެ ރައީސް، ރަބީއު އިތުރަށް ވިދާޅުވީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ފަރަކަށް ބާޖު އެރުމުގެ ސަބަބުން ރައްޔިތުންނަށް އަދި ރަށުގެ ތިމާވެއްޓަށް ވެސް އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންނަށް ލަފާ ފުރުމުގައި ދަތިތަކެއް ހުރުމުގެ އިތުރުން ރަށުގެ ވަށައިގެންވާ ވެލިގަނޑު ފަޅު ތެރެއަށް ވަދެފައި ވުމުން ރަށަށް ގެއްލުން ވަމުންދާ ކަމަށް ރަބީއު ވިދާޅުވިއެވެ. އެގޮތުން އިއްޔެ ހަވީރު އެރަށު ފަޅަށް ވަންނަން އައި އެމްޓީސީސީގެ ފެރީ ދިޔަވަރު ހިކުމުގެ ސަބަބުން ފަރުމައްޗަށް އުރިފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ފެރީއަށް ފަޅުން ނިކުމެވުނީ ދިޔަވަރު ބޮޑުވުމުން މިއަދު ފަތިހު ކަމަށްވެސް ރަބީއު ވަނީ ވިދާޅުވެފައެވެ.
ރަބީއު ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ގެއްލުމުގެ ސަބަބުން އެކައުންސިލުން މަސައްކަތް ކުރަމުންދަނީ ޖޫރިމަނާއިން ބައެއް ކައުންސިލަށް ހޯދާކަށް ނޫނެވެ. އަދި އެ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެ ބާޖު ފަރަށް އެރުމުގެ ސަބަބުން އެރަށަށާއި، ގެއްލުން ލިބުނު މާހައުލަށާއި، އެކަމުން ނުކުން ނޭދެވޭ ނަތީޖާއިން އަރައިގަތުމަށް އެހީތެރިކަމަށް ކަމަށް ރަބީއު ވަނީ ފާހަގަ ކުރަށްވާފައެވެ.
މީގެ އިތުރުން މިކަމަށް އެހީތެރިވެދިނުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އީޕީއޭއަަށް ވެސް ސިޓީ ފޮނުވާފައި ވާނެ ކަމަށް ނޫމަރާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަށް ގިރާ ސަރަހައްދުގައި ގްރޯވިންގްސް ނުވަތަ ބޮޑުހިލަ ޖަހާ ދިނުމަށް ވެސް އެދިފައިވާނެ ކަމަށް އެ ކައުންސިލްއިން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!