ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

މި ފެސްޓިވަލްގައި ޖުމްލަ ދެ ކުޅިވަރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ފިރިހެން ބޭފުޅުންނަށް ކުރިއަށް ގެންދިޔަ ބީ14 ފުޓްސަލް ކަޕުގެ އިތުރުން ކަނބަލުންނަށް ކުރިއަށް ގެންދިޔަ ބީ14 ހޭންޑްބޯލް ޓޯނަމެންޓެވެ.

Ad
rt

މި ފެސްޓިވަލް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ނޭކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ފުޓްސަލް ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ 28 ޑިސެމްބަރ 2021 ގައެވެ. ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުލަބް ސެނޮންއާއި ކުލަބް ސިވިކްއެވެ. ފައިނަލް މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ސެނޮންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައި ވަނީ ކުލަބް ސެނޮންގެ ގޯލްކީޕަރ އަޙްމަދު ޝަރުވާންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނގެ ތެރޭގައި ހިމެނިފައި ވަނީ ސެނޮންގެ އަހްމަދު ޝަރުވާންއާއި، ސެނޮންގެ ޝުއައިބް ޒާހިރާއި، ސެނޮންގެ މުޙައްމަދު ނިޝާންއާއި، ސިވިކްގެ މުޙައްމަދު އަބާން އިމްރާންގެ އިތުރުން ހަމަ އެ ޓީމްގެ ހުސައިން ނިހާނެވެ.

މި ފެސްޓިވަލްގައި ހިމެނޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ވައިކަރަދޫ ޔޫތު ކުލަބާއި ޓީމް ފަލްކަންސްއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 30 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. 14-5 ގެ ނަތީޖާއަކުން ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް ފަލްކަންސްއެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް އެޗްއެންސީ، ކްރިސްޓަލް މެންގްރޫވް، ކަސަބު، ޓީމް ފަލްކަންސްގެ އިތުރުން ވައިކަރަދޫ ޔޫތު ކުލަބެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ފަލްކަންސްގެ އައިމިނަތު ޔުމްނާއެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ކަސަބު ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ވައިކަރަދޫ ޔޫތު ކުލަބްގެ ފާތިމަތު އަބްދުﷲއާއި، އެ ކުލަބްގެ އައިމިނަތު ޒީނިޔާއާއި، ޓީމް ފަލްކަންސްގެ އައިމިނަތު ޔޫޒާއާއި އެ ޓީމްގެ އައިމިނަތު ޔުމްނާއާއި، އެ ޓީމްގެ އައިމިނަތު ޒީނާއާއި ކަސަބް ޓީމްގެ ހަދީޖާ ޝާއިރާގެ އިތުރުން އެ ޓީމްގެ އައިޝަތު އަމީރާއެވެ.

މި ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލެވުމުގައި އެހީތެރިން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ނޭކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އަލީ އާދަމް ވަނީ ޝުކުރު އަދާކޮށްފައެވެ. މިގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއި އައިލެންޑް ބިވަރޭޖާއި އެލްޓެކް މޯލްޑިވްސްއާއި ފިޔުޗަރ ހޯމްސްއާއި އެސޯޝިއޭސަންސް ފޯ ނޭކުރެންދޫ ޑިވެލޮޕްމެންޓާއި، ނޭކުރެންދޫ ހެލްތު ސެންޓަރާއި، ތާޖު ބޯޓުގެ އިތުރުން ނޭކުރެންދޫ ކައުންސިލްގެ ޓީމްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން އަލީ އާދަމް ވަނީ ފާހަގަ ކުރައްވާފައެވެ.