ހދ. ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ހދ. ނައިވާދޫ އަށް ބޮޑު އެހީތެރިކަމެއް ވެއްޖެ އެވެ.
ނައިވައިދޫ ކައުންސިލުން ވިދާޅުވީ، ރަށުގެ ކޮވިޑްގެ މިޙާލަތުގައި އަވައްޓެރި ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން މި ލިބުނު ދީލަތިއެހީއަކީ އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ، ހިތުގެ އަޑިން ޝުކުރުވެރިވާ ކަމެއްކަމަށެވެ.
"ތި ދެއްވި އެހީތެރިކަމާއި ބެހެއްޓެވި އަޚުވަންތަކަމަށް ނައިވާދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނެއްލައިދޫ ކައުންސިލު މެންބަރުންނަށާއި އަދި އ.ތ.މ ކޮމިޓީއާއި ނެއްލައިދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް މިކަމުގައި ބައިވެރިވެ ލެއްވި އެންމެހައި އަޚުންނާއި އުޚުތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ.. ޝުކުރިއްޔާ.. ތިޔަ ބޭފުޅުންނަށް މާތް ﷲ ހެޔޮޖަޒާ މިންވަރު ކުރައްވާށި. ! އާމީން"
ނައިވާދޫ ކައުންސިލުން މިއެހީތެރިކަމުގެ ފޮޓޯތައް މީސްމީޑިޔާގައި ހިއްސާ ކުރަމުން ވިދާޅުވެފައިވެއެވެ.
މިތަކެތި ނައިވާދޫ އަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފް ވިދާޅުވީ، 500 ކިލޯއަށްވުރެއް ގިނަ ރޯ މަހާއި ނޫޑުލީސް ފަދަ ކެއުމަށް ބޭނުންކުރާ އެކިކަހަލަ ތަކެތި ހަދިޔާ ކޮށްފައިވާކަމަށެވެ.
މިފަހުން ހދ އަތޮޅުގައި ކޮވިޑް-19 ގެ ކޭސްތައް މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލި ޖެހިފައިވަނީ ނައިވާދޫންނެވެ.
އިއްޔެ އެރަށުން ކޮވިޑްގެ 24 ކޭސް ފެނިފައިވާއިރު މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 32 އެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ފުލޫ އޯޕީޑީއަށް ދެއްކި ތިން މީހަކާއި ކޮންޓެކްޓްގެ ގޮތުގައި ފާހަގަވި ހަތަރު މީހެއްގެ އިތުރުން އެރަށަށް އައި މީހެކެވެ.
މިދުވަސް ވަރަކީ ސުކޫލު ބަންދަށް ވުމާއިއެކު ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ބަލި ފެތުރިދާނެތީ ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިވަގުތު ހދ އަތޮޅުގެ ފަސް ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ވަނީ ފެނިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!