ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއި ފަސޭހަ ގޮތްތައް އިޙްތިޔާރު ކުރުމަށް ވިސްނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭގައި ހިރިޔާ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވާހަކަފުޅުގައި ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ޚިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިޙްލާޞްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ޚިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ޕެންޑެމިކް ދުވަސްވަރު ބޯޑަރު ބަންދުކޮށްފައިވާ ގައުމުތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި އޭގެ ތެރެއިން ވެސް އަވަށްޓެރި އިންޑިއަށް ދިއުމަށް ހާއްސަ އެހީއެއް ފޯރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ ސަރުކާރާއި އެކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނައިބުގެ ވާހަކަފުޅުގައި ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އާސަންދާގެ އެހީއާއި އެކު ދާ ފަރާތްތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ ހުރިހާ ފަރާތްތަކުންވެސް ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!