ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ.

Ad
rt

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް"

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޤާބިލު ޞިއްޙީ ޚިދުމަތްތެރިން ހޯދުމަށް ސޮއިކުރެވުނު އެއްބަސްވުން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

"ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް"

ދެވަނަ އެއްބަސްވުމަކީ، ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް ސޮއިކުރި "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް" އެވެ. މި އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

" މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް"

ތިންވަނަ އެއްބަސްވުމަކީ، ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު " މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.

"ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށްވެސް އެއްބަސްވުމެއް"

ހަތަރު ވަނަ އެއްބަސްވުމަކީ، ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ސޮއިކުރި އެއްބަސްވުމެވެ. މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް، އަދި ބަގްލަދޭޝްގަ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމް އެވެ.

މި އެއްބަސްވުމުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިޢުދީން އަޙްމަދެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީގޮތުން ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު، ދެޤައުމުގެ ސަރުކާރުގެ މެދުގައި ވަނީ ރަސްމީ ވާހަކަފުޅުތައްވެސް ބާއްވަވާފައެވެ.