ހދ. އަތޮޅުގައި ތިން އެއާޕޯޓް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވެފައި މިވަނީ ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކުރުމާއި ގުޅިގެންނެވެ. މިވަގުތު ހދ. އަތޮޅުގައި ދެ އެއާޕޯޓެއް އެބައޮތެވެ.

Ad
rt

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މަކުނުދޫގައި އެއާޕޯޓް އެޅިގެން ދިޔުމާއިއެކު ހދ. އަތޮޅުގައި ތިން އެއާޕޯޓް އޮންނާނެއެވެ.

މިކަމާއި ގުޅިގެން ރާއީ ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ މަކުނުދޫގެ އެއާޕޯޓާއިއެކު ޖުމުލަ ތިން އެއާޕޯޓް ހދ. ގައި އޮތުމަކީ މުޅި އަތޮޅަށް، އަދި ޖުމުލަކޮން ބޮޑު ތިލަދުންމައްޗަށް މި ފަހުގެ ތާރީޚުގައި އަންނާނެ އެއްމެ ބޮޑު ކުރިއެރުން ކަމަށެވެ.

ރާއީ އިތުރަށް ވިދާޅުވެފައި ވަނީ ހދ. ގައި ޓޫރިޒަމް އުފަންވެގެން އަންނާނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް، ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުވި، ކުޅުދުއްފުށި އެއާޕޯޓްގެ ކުރިއެރުމާއި އެކުކަމަށެވެ.

އަދުގެ ސަރުކާރުން ތިލަދުންމަތީގެ ލޮބުވެތި ރައްޔިތުން އުންމީދުތަކުގައި ކުލަޖަސައި ދެއްވާނެ ކަމުގައި ވިދާޅުވެ، ރާއީ ވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއަށް ޝުކުރު އަދާކޮށްފައެވެ.

ޑޮމެސްޓިކް އެއާޕޯޓް އަޅުމަށް ސަރުކާރުން މިފަހަރު ނިންމާފައިވާ ހަ ރަށަކީ ހދ. މަކުނުދޫ، ށ. ބިލެއްފައި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫއެވެ. ދެން އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް ރ. އަތޮޅުގައި އަޅަން ނިންމާފައި ވީ ނަމަވެސް ސަރުކާރުން މިހާތަނަށް އެ ރަށެއްގެ ނަން ހާމަ ކޮށްފައި ނުވެއެވެ. ރ. އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އެޅުމަށް ޕްލޭން ކޮށްފައިވަނީ އެ އަތޮޅު ދެކުނު ބިތުގެ ރަށެއްގައެވެ.