ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް އެރަށުގައި ފަށައިފިއެވެ.

މިއީ އެ ކޮމެޓީއާއި އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގައި ޖުމްލަ 23 ފަރާތަކުން ބައިވެރިވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ފެށި މިކޯހަކީ 25 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ކޯހެކެވެ.

މި ކޯހުގެ މައުލޫމާތު ހިއްސާކުރަށްވަމުން ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް މަރިޔަމް ލުއާ "ތިލަދުން"އަށް ވިދާޅުވީ، މި ކޯހަކީ، އެރަށުގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

މި ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކު 3000 ރުފިޔާއެވެ. މި ފީގެ ތެރެއިން ކޮންމެ ބައިވެރިއަކަށް ވެސް ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން 500 ރުފިޔާ ދައްކައިދޭނެއެވެ.

މީގެއިތުރުން ކޯހަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ކޯސް ހިންގާ ފަރާތުންނެވެ. މި ފަހާ ކޯސް ކުރިޔަށް ގެންގޮސްދެއް ވަނީ މި ފަންނުގެ ތަޖުރިބާކާރެއް ކަމަށްވާ ފާތިމަތު މާރިޔަތުއެވެ.

ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ޕޭސްޓްރީ ކޯހެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިހާރު އެ ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗްމަހު ހިސާބުގައި ކަަމަށް އެ ކޮމެޓީން ވަނީ މައުލޫމާތު ދެއްވާފައެވެ.