ގެވެށި އަނިޔާ އާ ދެކޮޅަށް ހިންގޭ ކެމްޕޭންގެ ދަށުން ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކެންޓީނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

"އޮރެންޖް ދަ ވޯރލްޑް ކެންޓީން"ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.

Ad
rt

އެ ކޮމިޓިގެ ނައިބު ރައީސާ ފާތިމަތު ޝިފްނާ "ތިލަދުން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޭގައި ހަދާ ކާބޯތަކެއްޗާއި މޭވާ ތަރުކާރީ ވެސް މި ކެންޓީނުގައި ވިއްކަން ބަހައްޓާނެ ހުންނާނެ ކަމަށެވެ. އެގޮތުން މި ކެންޓީނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 14:00 ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތަށްފަހު އެދުވަހުގެ ހަވީރު 16:30 ގައި އެރަށުގެ 2 ޓީމެއްގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗްއެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެރަށުގައި އެންމެ ފަހުން ކުރިއަށް ގެންދެވުނު ޕޭސްޓްރީ އަދި ކޭކު ކޯހުގެ 22 ބައިވެރިންނާއި އެކު ފަށާ މި ހަރަކާތުގައި ވީހާވެސް ގިނަ ކަނބަލުން ބައިވެރިވުމަށް އެ ކޮމިޓީއިން ވަނީ އެދިލައްވާފައެވެ.

މިފަދަ ކެންޓީނެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން ގޭގައި ތިބެގެން އާމްދަނީ ހޯދާނެ މަގެއް ތަނަވަސް ކޮށްދިނުން ކަމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވިދާޅުވެއެވެ.

މީގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި އެރަށުގެ ކަނބަލެއް ކަމަށްވާ މަރިޔަމް ޝާޒީ (ޝެފް) އަށް އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ކަނބަލުންގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. މި ކެންޓީން އާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 9509596 އަށް ގުޅުއްވުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.

ރަށުގެ ކަނބަލުންގެ އެއްބާރުލުމާއި އެކު މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ކޮމިޓީއިން ވަނީ ފާހަގަ ކުރައްވާފައެވެ.