ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބާއްވާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021" މި ޑިސެމްބަރު މަހުގެ 31 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ.
ފީވަކު ޒުވާނުންގެ ގުޅުމުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެރަށުގެ ޓީމްތަކަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފޯމު ޒުވާނުންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމް 10000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ އަދި ފެއާރ ޕްލޭ ޓީމް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި، މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ އިތުރުން ކިންގް އޮފް ދަ ޓޯރނަމެންޓް ވެސް ހޮވާނެއެވެ. މި މުބާރާތުގެ ޤަވާޢިދު އަންނަ ހަފްތާއިން ފެށިގެން ފީވަކު ޒުވާނުންގެ ގުޅުމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މި މުބާރާތުގެ ވަނަތަކަށް ކަނޑައަޅާ ފައިސާއަކީ، މި މުބާރާތުގެ މެއިން ސްޕޮންސާކަމަށްވާ ފީވަކުގެ ކުންފުންޏެއްް ކަމަށްވާ ބަލްމާ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީއިން ހުށައަޅާފައިވާ ފައިސާއެވެ. މި މުބާރާތް ރާވާ ހިންގާނީ ފީވަކު ޒުވާނުންގެ ގުޅުންނެވެ.
ބަލްމާއަކީ މީގެ ކުރިންވެސް ފީވަކުގައި ހިންގާ ކުޅިވަރާއި، ތައުލީމީ ކަންކަން ފަދަ ހަރަކާތްތަކަށް ދީލަތި އެހީތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށް މަޢުލޫމާތު ލިބިފަވެއެވެ.
ފީވަކު ޒުވާނުންގެ ގުޅުމަކީ 2018 ވަނަ އަހަރު ވުޖޫވިފަހުން ފާއިތުވި ދުވަސްތަކުގައި އެރަށަށް ގިނަ އިޖުތިމާއީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ޙިދުމަތްތަކެއް ކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން މިއަހަރު ވަނީ ރަށުގެ ކަނބަލުންނަށް ޙާއްސަކޮށް އެފްޒެޑްޖީ ވިމެންސް ވޮލީބޯލް ޓޯރނަމެންޓް ގެ ނަމުގައި ވޮލީ މުބާރާތެެއް ވެސް ބާއްވާފައެވެ. އަދި އެފް ޒެޑްޖީ ވަންޑޭކަޕްގެ ނަމުފައި ފުޓްސަލް މުބާރާތެއްވެސް މިއަހަރު ބާއްވާފައިވެއެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުވެސް އެފްޒެޑްޖީ ފުޓްސަލް ޗެލެންޖް ގެ ނަމުގައި ފުޓްސަލް މުބާރާތެއް ހިންގާފައިވެއެވެ. މި ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ރަށުގެ ދަރިން ހޯދާ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން އެފްޒެޑްޖީ އެވޯރޑްސް ނައިޓް ގެ ނަމުގައި އިނާމް ދިނުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!