ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް އެސިޓީގެ ކައުންސިލުން ކުރިއަށް ގެންގޮއްސިއެވެ.

އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެސިޓީގައި އަންނަ އަހަރު ކުޅިވަރުތައް ރާވާ އިންތިޒާމް ކުރަން ބޭނުންވާ ކްލަބް ޖަމްއިއްޔާ ތަކުގެ ހިޔާލު ވަނީ ހޯދާފައެވެ.

Ad
rt

އެގޮތުން މިއަންނަ އަހަރަށް ރޭވިފައިވާ ކުޅިވަރުތަކުގެ މައުލޫމާތާއި ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލުންނާއި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން އެ ކުޅިވަރުތައް ތާވަލު ކޮށް ކުރިއަށް ގެންދާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް އެ ޖަމްއިއްޔާ ތަކާއި އެކު އިތުރު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީއަކީ ވަރަށް ފުޅާދާއިރާއެއްގައި ކުޅިވަރުގެ ހަރަކާތްތައް ހިންގަމުންދާ ސިޓީއެކެވެ. އަދި އެ ސިޓީއަކީ ސަރުކާރުން ގާއިމުކޮށްފައިވާ ކުޅިވަރު ވަސީލަތްތަކުގެ އިތުރުން އަމިއްލަ ކްލަބް ޖަމިއްޔާ ތަކުން ވެސް އަމިއްލަ ކުޅިވަރު ދަނޑުތައް ގާއިމުކޮށް، ފޯރީގައި ކުޅިވަރު މުބާރާތްތައް ރާވާ ހިންގަމުންދާ ސިޓީއެކެވެ.

ރާއްޖޭގެ އެކި ކުޅިވަރުތަކުގައި އެސިޓީއަށް ނިސްބަތްވާ މަޝްހޫރު މޫނުތައް ވެސް ދަނީ ފެންނަމުންނެވެ.