ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
އިއްޔެ ވަށަފަރުގައު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ވަށަފަރު ކައުންސިލުގެ ރައީސް އަހުމަދު މުއީނެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާއިރު ފެނުގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިމަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 7.5 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.1 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 2.7 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި ހަތަރު ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
MP for Kelaa Constituency @kelaaibrey and Managing Director @hassanshaahu groundbreaking HA. Vashafaru Water & Sewerage Project, being undertaken by #TeamMWSC #MWSCAsaasee pic.twitter.com/3WVKOTEXsk
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 3, 2021
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!