ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި އެވެ.
ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވެ.
ކްރިމިނަލް ކޯޓަށް ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމްގެ މައްޗަށް ދަޢުވާތައް ކުރުމަށް ހުށަހަޅާފައިވަނީ 24 ނޮވެންބަރު 2021 ދުވަހު އެވެ.
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ދަޢުވާތައް
1- ޤާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ މާއްދާ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ.
2- ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ
މީގެ އިތުރުން ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވަނީ ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާވެސް އުފުލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!