ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގިކަމަށާއި، އެހެން ނަމަވެސް ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ފެނިވަޑައިނުގަންނަވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ މުއްދަތު ދަންމާލުމާގުޅޭ މައްސަލައިގެ ކޮމެޓީ ރިޕޯޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ހުއްޓި، އާންމު ރައްޔިތުންގެ އާމްދަނީ އިންތިހާއަށް ދަށަށްދިޔަކަމަށެވެ. އަދި އެ ވަގުތު ރައްޔިތުންނަށް އެކަން އިހުސާސްވިޔަނުދިނުމަށްޓަކައި، އެކަމަށް ސަރުކާރުން އެޅި އެންމެ ހަރުދަނާ އެއް ފިޔަވަޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޕަބްލިކް އޯވަޑްރޯ އެކައުންޓާގުޅޭ ހުއްދައަށް މަޖިލީހުން ރުހުން ހޯދައި، ރައްޔިތުންގެ އާމްދަނީއަށް އަސަރުކުރިޔަނުދީ ހިފެހެއްޓުން ކަމަށެވެ.

އެފައިސާ ހޯދައި 22 ހާހަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދިންކަމަށާއި، ދިވެހި ރައްޔިތުން ކާޑާއި، ތެލާއި، ބޭސްފަދަ އެއްވެސް އަސާސީ އެއްޗަކަށް ނުޖެހި އުޅެވޭނެގޮތް ސަރުކާރުން ހެދިކަން ފާގަކުރަށްވައި، މި ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެތެރޭގައި އޮތްކަމުގެ އިހްސާސް އެއްވެސް ރައްޔިތަކަށް ނުވާވަރަށް އެކަންކަން ސަރުކާރުން މެނޭޖްކުރިކަމަށް ޝިފާޢުވިދާޅުވިއެވެ.

"އިދިކޮޅު ވާދަވެރިން ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަކަސް އޮޅުވައެއްނުލެވޭނެ، މިއުޅެނީ އަހަރަކު 1 ފަހަރު ފައިސާ ޗާޕްކުރާކަށް ނޫން، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯކުރުމަށް ނަގާފައިވާ ހުއްދައިގެ މުއްދަތު މި އިތުރުކުރަނީ، މިކަން އޮޅުވާލަން މަސައްކަތް ނުކުރަށްވާ" ޝިފާޢު ވިދާޅުވިއެވެ.

ހުއްދަ އިތުރުކޮށްގެން ކުރަން އުޅޭ ކަންތައް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރާއްޖެ ސަލާމަތްކޮށް، ޕެންޑަމިކުން އަރައިގަންނައިރު ރައްޔިތުންނަށް ބާއްޖަވެރިކަން ލިބޭނެ މަގެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަގަށް ބޭނުންވާނެ އިގްތިޞާދީ ފިޔަވަޅުތައް ސަރުކާރުން ގެންދަނީ އަޅަމުން ކަމަށް ވެސް ވިދާޅުވިއެވެ.

"މި ސަރުކާރަކުން ފައިސާހޯދަން ކުރީ ސަރުކާރުން ހެދިހެން ކަސްޓަމަށް އެތެރެވާ ކޮންޓޭނާ ވަގަކަށް ނުނަގާ، އެމްއެމްއޭއަށް އަންނަ ފައިސާ ކޮންޓޭނާ ވަގަކަށް ނުނަގާ، ނަގައިގެން ފަޅުރަށްތަކަށް ގެންގޮސް އަމިއްލަ ދަބަސްތަކަކަށް ލޯޑެއް ނުކުރޭ، އިއްޒަތްތެރި ރައީސް، މިއީ މި ސަރުކާރާ ކުރީގެ ވައްކަމުގެ ސަރުކާރާ ހުރި ބޮޑު މައިގަނޑު ތަފާތަކީ" ޝިފާޢު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އެ ސަރުކާރުގައި ރޯމާ ދުވާލު ކުރީ ވައްކަންކަމަށާއި، ރައްޔިތުން ބަންޑަށް ޖައްސައި، ނޫސްވެރިން ދޫބަންދުކޮށް، ސިޔާސީ ވެރިން ޖަލައްލިކަމަށެވެ. ނަމަވެސް މި ސަރުކާރުން ނޫސްވެރިންނަށް ވެސް ބޭނުން ޚިޔާލެއް ފާޅުކުރުމުގެ މިނިވަންކަންދީ، ސިޔާސީ ވެރިންނަށް ވެސް ބޭނުން ވާހަކައެއް ދެއްކޭނެ ފުރުސަތު ހޯދައިދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ފަސް އަހަރުގެ ވެރިކަން ނިންމާފަ ދިޔައިރު 59 ބިލިޔަން އޮތީ މި ޤައުމަށް ދަރަނި ނަގާފައި، އަޅުގަނޑުމެންގެ ރަށެއްގައި އެނެގި ދަރަނީ ވަހުމެއް ވެސް ނެތް، ވަހެއް ވެސް ނެތް، ކުލައެއް ވެސް ނެތް،" ޝިފާޢު ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން ކޯވިޑްގެ ބަލިމަޑުކަމުގައި ކަންކަން މެނޭޖުކުރުމަށް ނެގި ފައިސާއިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ހިނގަމުންދާތަން ރައްޔިތުންނަށް ފެންނަ ކަމަށް ޝިފާޢު ވިދާޅުވިއެވެ.

ޤައުމުތައް ހިންގަން ދަރަނިވެސް ނަގަންޖެހޭ ކަމަށާއި، ނަމަވެސް އެ ދަރަންޏަކީ އެއިރެއްގައި ސަރުކާރު ހިންގަން ތިބޭ ބައެއްގެ ޖީބަށް ވަންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ޝިފާޢު ވިދާޅުވިއެވެ. އެ ވާންވާނީ ރާއްޖޭގެ އުތުރުން ދެކުނަށް އަތުރާލެވިފައިވާ މުތްތަކެއްފަދަ ރަށްތަކަށް އުމްރާނީ ތަރައްގީ ގެނުވާނެ އެއްޗަކަށް ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.