7 މީހުންގެ ގުރޫޕަކުން ކޯސްޓް ގާޑުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 37 އަހަރުގެ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކޮށްފި އެވެ.

ރޭ މާފަންނުން އޭސް ހާރޑްވެއަރ ހުންނަ ހިސާބުން ހިނގާފައިދަނިކޮން މިސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ 11:30 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad
rt

މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން މިމީހާ ގެންގޮސް ރަހީނުކޮށްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. އޭނާ ފެނިފައިވަނީ މަގުމައްޗަށް އެއްލާލައިފައި އޮއްވަ އެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް ވަނީ މިހޫނަށް ލިބިފައެވެ. އޭނާގެ ގައިން ފެންނަށް ހުރި ޒަހަމްތަކަށް ބަލާއިރު މުޅިގައިގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެނެއެވެ. ސިގިރޭޓްފަދަ އެއްޗަކުން ގައިގައި ޖައްސާ ފިއްސާލާފައިވާއިރު ތޫނު އެއްޗަކުން މޫނުމައްޗަށްވެސް ވަނީ އަނިޔާ ކޮށްފަ އެވެ. މޫނުމަތިވެސް ވަރަށް ބޮޑަ ވަނީ ދުޅަވެފަ އެވެ.

ސިފައިންގެ މީހާގެ އަތުން އެއްވެސް ފައިސާއެއް ނުލިބުމުން އެމީހާ ގެންގޮސް އައިޖީއެމްއެޗް ސަރަހައްދަށް ވައްޓާލާފަ އެވެ. އެސަރަހައްދަށް ގެންދިޔައީ ސައިކަލެއްގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.

އައިީއެމްއެޗްގެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނައިރު މިހާރު އޭނާގެ ހާލު އަންނަނީ ސްޓޭބަލް ވަމުންނެވެ. އެތެރެހައްޓަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ޔަގީންކުރުމަށް އަންނަނީ އިތުރު ތަޙްލީލުތަކެއް ކުރަމުންނެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 09:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ލިބުނު އަނިޔާއެއް، ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.