ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 216،000ރ. ހަދިޔާ ކޮށްފިއެވެ.
މި ފައިސާ އެމްއޭސީއެލްގެ ފަރާތުން ފިޔަވައްޗާ ހަވާލު ކުރެއްވީ އެ ކުންފުނީގެ އެކްޓިން އިންޗާޖު އަދި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ. ފިޔަވަތީގެ ފަރާތުން މި ފައިސާއާ ހަވާލުވީ އެތަނުގެ ސީއީއޯ ޒީނާ ގާސިމެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މިއީ ފިޔަވައްޗަށް ބޭނުންވާ ސައިކޮލޮޖީ ޓީޗަރުގެ އެއް އަހަރު ދުވަހުގެ މުސާރައަށްވާ ފައިސާއެވެ. މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފިޔަވައްޗަށް ފޯރުކޮށްދިން އެހީ އެއް ކަމަށާއި ފައިސާގެ އެހީގެ އިތުރުން އިލެކްޓްރިކަލް އަދި އޭސީ މެއިންޓެނެންސްގެ ހިދުމަތް ވެސް އެ ކުންފުނިން ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އަބަދުވެސް ފިޔަވައްޗާ ގުޅިގެން އެތަނުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!