”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

3AA49879-65CF-40C7-A3B1-7A3E0B3E7890

ޙަޔާތުގެ ދަތުރުގައި މަޑުކޮށްލުމަށް ލިބިފައިމިވާ ވަގުތީ ދުނިޔޭގެ ދުވަސްތައް، އެ ދުނިޔޭގެ ތަޢުމީރީ މަސައްކަތަށް އެކަނި ހުސްކޮށްނުލާށެވެ.

މި ވަގުތީ ފާލަމަކީ އޭގެ އަނެއްކޮޅުން ތިމާ ފައިބަން ޖެހޭ އެއްޗެކެވެ. އެ ފާލަމަށް އެރީ ހުސްއަތާއެވެ. ފައިބައިގެންދާއިރު ގެންދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ދާންޖެހޭނީ ވެސް ހުސްއަތާއެވެ. އެހެންކަމުން މި ދުނިޔޭގެ މަދު ދުވަސްތަކުގައި ދަތުރުގެ ކޮށްތު ލިބިގަންނާށެވެ. އެނޫން ތަކެތި ޖަމާ ނުކުރާށެވެ. ކިތަންމެ ގިނަ ކޮށްތެއް ޖަމާކުރި ކަމަކު، އޭގެ ބޭނުން ހިފޭނީ ހަމައެކަނި މި ފާލަމުގެ މަތީގައެވެ.

މި ދަތުރަށް ހޯދޭނެ އެންމެ ހެޔޮ ކޮށްތަކީ ތަޤުވާގެ ފިލާވަޅުތަކެވެ. އޭގެން ތިމާގެ ފުރާނަޔަށް ފިލުވައިދޭ ހައިހޫނުކަމެވެ. މިކަމަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީކުރައްވަނީ، ﴿وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ وَاتَّقُونِ يَا أُولِي الْأَلْبَابِ﴾ ‎ (سورة البقرة: ١٩٧)

މާނައީ: "އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!"

ދަތުރަކީ މާ ދިގު ދަތުރެއް ނޫނެެެވެ. އެހެނަސް މި ދަތުރުގެ ތެރޭގައި ފެންނަ މަންޒަރުތަކާއި ކުރެވޭ ތަޖުރިބާއަކީ އޭގެ ދިގުކުރުމިން އިހުޞާޞް ކުރުމުގައި މިންކުރެވޭ އާލާތެކެވެ. އުފާވެރިކޮށް މި ޙަޔާތުގައި އުޅުމަށް އިޚްތިޔާރުކުރި މީހަކަށް އުފާވެރިކަން ހުއްޓެވެ. އޭނާ އާ ކުރިމަތިވާ ކަންކަމަކީ މުޅިން ވެސް އުފަލެއްކަމުގައި ނޫނީ އޭނާ ނުދެކޭނެއެވެ. ދެރަވަރު ކަމެއް ދިމާވިނަމަ، ދާދި އަވަހަށް އެކަމެއްގެ ހިތާމަ ފިލާދާނެކަމާއި އެއަށް ފަހު އުފަލުގައި ފާލަމުގެ ދަތުރު ނިމޭނެކަން އޭނާ ޤަބޫލު ކުރެއެވެ. އެއީ ފާލަމުގެ ވަގުތީ ކަމާއި އެއަށްފަހު އޮތް މަންޒިލުގެ ދާއިމީކަން ދަންނަ މީހާއެވެ. އެއީ ﷲއަށް އީމާންވެގެން ހުރި ތަޤުވާވެރިމީހާއެވެ.

ތަޤުވާވެރިން މި ފާލަމަށް ބަލަނީ އެނޫން މީހުން އެއާމެދު ދެކޭ ނަޒަރަކުން ނޫނެވެ. އެ މީހުންގެ ނަޒަރުގައި މިއީ މަންޒިލަށް ވާޞިލުވުމަށް ހިނގަން ލިބިފައިވާ ކުރު ރާސްތާއެކެވެ. ދާދި އަވަހަށް މީގެ ނިމުން ލޮލުގެ ކޮޅަށް ފެނިދާނެެއެވެ. އޭރުން މާ ލަސްތަކެއް ނުވެ އޭނާ އެ އެދޭ މަންޒިލަށް ވާޞިލް ވާނެއެވެ.

މިއާ ޚިލާފަށް އީމާންތެރިކަމާ ދުރު ޚިޔާލުގެ މީހާ މި ފާލަމާމެދު ދެކެނީ އޭނާގެ އަމިއްލަ ޚިޔާލީ ނަޒަރިއްޔާއަކުންނެވެ. ތަނުގެ މޮޅުކަމާއި ލިބެންހުރި ތަކެތީގެ ފުރިހަމަކަމުގެ އިހުޞާޞް ތަކެވެ. މި ވަގުތީ ފާލަމަށް ޖެހެމުންދާ ފިނި ރޯޅި ތަކެވެ. ހިތްގައިމު މަންޒަރުތަކާއި އުފާވެރި ހިނދުކޮޅުތަކެވެ. އޭނާ ދެކޭގޮތުގައި އެފަަދަ ހިނދުކޮޅު ތަކުގެ އުފާ ތަޖުރިބާ ނުކުރަނީ މޮޔައިންނެވެ. އެކަމުގެ މަސްތުގައި މީހާ އަށް ލިބޭ ހިންހަމަޖެހުމާ ދުރުވެ އެކަމުން އަމިއްލަ އަށް ރެކެގަންނަނީ ވިސްނުމެއް ބުއްދިއެއް ނުވާ ޤަދީމީ ބޯދާ ފިކުރުގެ މީހުންނެވެ. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. މާގިނަ ދުވަހު ތިބެވޭނެ ތަނެއްގެ ގޮތުގައި މި ފާލަމާ މެދު ހީކޮށްގެން ނުވާނެއެވެ.

ބުއްދިވެރިޔާ އަށް ޔަޤީންވަނީ މި ދުނިޔެއަކީ ވަރަށް ވަގުތީ، ދާދި އަވަހަށް ނިމި ހިނގައިދާނެ މަދު ދުވަސްކޮޅެއް ކަމެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ސާޙިބާ މުޙައްމަދު ﷺވަނީ މި ޙިކްމަތްތެރި ފިލާވަޅު މި އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ ﷺ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ». وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.)

މާނައީ:- "އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ތިމަންކަލޭގެފާނު ކޮނޑުފުޅުގައި ހިއްޕަވައިފައި ޙަދީޘް ކުރެއްވިއެވެ. ”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ ކަމުގައި ވާޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއެވެ.)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.