މިއަހަރު ނިމުމުގެ ކުރިން ހދ. ވައިކަރަދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާނެ ތަނަކަށް ހެދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިޓޭ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ޞިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ޖަހާފައިއޮތްކަން ފާހަގަ ކުރަށްވާ ކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާ ސަރަހައްދުތަކަށް ބަހާލުމުގެ ގޮތުން، އެ ވިސްނުމުގައި ބަޖެޓުކޮށްފައި އޮތްއޮތުމަކީ ވަރަށް އުފާ ކުރަށްވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް އެޅި، އެ ހޮސްޕިޓަލްތަކުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބެން ހުރުމަކީ އެއީ، ދިވެހި ރައްޔިތުން މިއަދު އެންމެ ބޭނުންވާނެ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމަ އެހެން މި 5 ޓަރޝަރީ ހޮސްޕިޓަލުގެ ތެރޭގައި ކުޅުދުއްފުށީގައި އަޅާ ޓަރޝަރީ ހޮސްޕިޓަލަކީ އަޅުގަނޑަށް ވަރަށް މުހިންމު ހޮސްޕިޓަލަކަށް ވޭ. އެއީ އަޅުގަނޑުގެ ވެސް ދާއިރާ ކަމަށް ވާތީ، ދާއިރާގެ ތަރައްޤީއަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް ބޮޑު ހޭދަތަކެއް އެބަ ކުރެވޭ." ފިއްޓޭ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލަކީ 2021 ވަނަ އަހަރު ބަޖެޓުގައި އޮތް ހޮސްޕިޓަލެއް ކަމަށާއި، މި ހޮސްޕިޓަލަކީ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ތިލަދުންމަތީގެ ތަރައްޤީއަށް ކަމަށާއި، އެކަމަކީ ތަރައްޤީއަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިއަދު ވެސް މިސަރުކާރުން ދަނީ، މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި ޖަހައިގެންވެސް ރާއްޖެތެރޭގެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރަމުން ކަމަށް ފިއްޓޭ ވިދާޅުވިއެވެ.
"ހަމަ އެގޮތަށް ވައިކަރަރަދޫ ޞިއްޙީ މަރުކަޒު މި އަހަރުގެ ބަޖެޓުގައި ޖަހައި، މިހާރު އެ މަސައްކަތް އެ ދަނީ ނިންމަމުން. އަޅުގަނޑު އުއްމީދުކޮށްގެން މިހިރީ މި އަހަރު ނިމޭއިރު ވައިރަކަރަދޫގެ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބި، މިހާރު ހުރި އެންމެ ޑޮކްޓަރެއްގެ ބަދަލުގައި އިތުރު ޑޮކްޓަރުން ވެސް ވައިކަރަދޫއަށް ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތީ ސަރުކާރުން ދެއްވާފަ." ފިއްޓޭ ވިދާޅުވިއެވެ.
ބަޖެޓަށް ވެސް ލުއިވާނެ ގޮތެއް އެބަ އޮތް ކަމަށާއި، މާލޭގައި ބޮޑު އެއް ހޮސްޕިޓަލު އަޅައިގެން އެންމެން މާލެ އަންނަ ގޮތަށް ހެދީމާ ފަހަރެއްގައި ދައުލަތުގެ ބަޖެޓުގެ ދަރަނި ކުޑަކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަށްރަށުން އެ އަންނަ މީހާގެ ބަޖެޓު ނުފެންނާނެ ކަމަށާއި، އެ މީހުން ކުރަންޖެހޭ ޚަރަދު ވެސް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ މިސާލެއް ދައްކަވަމުން ފިއްޓޭ ވިދާޅުވީ، ކުޅުދުއްފުށިން އެމް.އާރު.އައި ޚިދުމަތް ލިބެންފެށިފަހުން 1 އަހަރު ނުވާކަމަށާއި، މިއަދު މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުންގެ އެމް.އާރު.އައި ހަދާފައިވާކަމަށާއި، މި 1000 މީހުންނަކީ އެ އެމް.އާރު.އައި މެޝިން ކުޅުދުއްފުށީގައި ނެތް ނަމަ، މާލެ އައިސް، ތަނެއް ކުއްޔަށް ހިފައިގެން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ބައެއް ކަަމަށް ފިއްޓޭ ވިދާޅުވިއެވެ.
މާލެ ނައިސް އެމް.އާރު.އައި ހެދޭނެ ގޮތެއް ކުޅުދުއްފުށީގައި ހަމަޖެހުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް ވެސް ފިއްޓޭ ވިދާޅުވިއެވެ.
ވައިކަރަދޫ ޞިއްޙީ މަރުކަޒު ހިނގުމާއި މިހާރު ހަވާލުވެ ހުންނެވީ ވައިކަރަދޫ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ މުޙައްމަދު އިބްރާހިމް އެވެ. އޭނާއަކީ ވޭތުވެދިޔަ 2 ދައުރުގައި ވައިކަރަދޫ ކައުންސިލްގައި ހީވާގިކަމާއިއެކު ކައުންސިލަރެއްގެ ޒިންމާ އަދާކުރެއްވި ފަރާތެކެވެ. ވައިކަރަދޫ ސިއްހީ މަރުކަޒު ހިންގުމާއި އޭނާ ހަވާލުވިފަހުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުުގެ މަސައްކަތް 120 ދުވަހުން ނިންމާ ގޮތަށް ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެމަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!