އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
1 އޮކްޓޯބަރ 2019 ވީ އަންގާރަ ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ބައްދަލުވުމެއްގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން ފުލުހުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި، އެރަށުގެ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ކަންކަން އަވަސްކުރުމާއި، ގުޅޭގޮތުންނާއި ފުލުހުން މިހާރު ދެމުން ދާ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
އިހަވަންދޫ ކައުންސިލް މެމްބަރުން ވަނީ އިމާރަތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ތަކެތީގެ ބަދަލު ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް، ފުލުހުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުން ފަހަގަކޮށް ޝުކުރު އަދަކޮށްފައެވެ.
މީގެ އިތުރުން އެއަތޮޅު މާރަންދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމް ކޮށްދިނުމަށް ވެސް އެފަރާތުން ވަނީ އެދިފައެވެ.
މިބައްދަލު ވުމުގައި ޕޮލިހުންގެ ފަރާތުން އެސިސްޓެންޓު ކޮމިޝަނާރ އޮފް ޕޮލިސް އަލީ ރަޝީދާއި ނޮދަން ޑިވިޜަންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ގެ އިތުރުން ޑިވިޜަން ސަޕޯރޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮޕް ޕޮލިސް އާސިމް އަބްދުﷲ ވަނީ ބައިވެރިވެލައްވާފައެވެ.
އިހަވަންދޫގެ ފަރާތުން އެދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުގެ އިތުރުން ކައުންސިލް މެމްބަރު މުޙައްމަދު މަފާޒު ވަނީ މި ބައްދަލު ވުމުގައި ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!