ހދ. ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ ބޮޑުވެ، ގޮނޑުދޮށުން ވެލި ނުނެގުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.
އެ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެކައުންސިލުން ނެރުނު އިޢުލާނެއްގަ އެވެ.
ފަހަކަށް އައިސް އެރަށުގެ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގަމުން ގެންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާކަމަށް އިއުލާނުގައި ފާހަގަކުރެއްވި އެވެ.
"މިކަމަކީ ޤާނޫނު ނަންބަރު 77/78 "ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" ގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަނެތި ކުރުން މަނާކަމެކެވެ."
ވައިކަރަދޫ ކައުންސިލްގެ އިއުލާނުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، އެރަށުގެ ގޮނޑުދޮށުން ވެލިނެގުމަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އެންގުމުގެ މަތިން، މީގެ ކުރިންވެސް މަނާކުރެވިފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
އަދި ކައުންސިލްގެ އިއުލާނުގައި އެ ރަށުގެ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެއްކަން ތަކުރާރުކޮށް ވަނީ އަނގާފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ބޮޑު ޝަކުވާއެކެވެ.
މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދެއެވެ. ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމަކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 77/78 "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި ޤަވާއިދު ނަންބަރު: 2013/R-15 " ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ.
އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، އެއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް ދޭތެރެ ދޭތެރެއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު:2012/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެއެވެ. މި ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!