ހދ. ނޭކުރަންދޫގައި އަޅަން ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

މި ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދާދޭނެ ފަރާތެއް ހޯދަން މިއަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ވެސް އިއުލާން ކުރިއެވެ.

Ad
rt

އެފަހަރު ބީލަމުގައި ރަޖިސްޓަރ ވުމަށް ދީފައިވާ ސުންގަޑިއަކީ އޯގަސްޓް މަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ބީލަން ހުށަހެޅުމާއި ހުޅުވުމަށް ދީފައި އޮތް ތާރީޚަކީ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިއަދު އަލުން އިއުލާންކުރިއިރު، ބީލަމުގައި ރަޖިސްޓަރ ވުމަށް މިފަހަރު ދީފައިވާ ތާރީޚަކީ މިފެށޭ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ ނޮވެމްބަރ މަހުގެ 9 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާގައި ކަމަށް ވެސް ހޯމް މިނިސްޓްރީން އެކަމަށް ކުރި ޢިއުލާންގައި ބުނެފަ ވެއެވެ.

މި ޖަލުގެ މަޝްރޫޢުއާއިގުޅޭ މައުލޫމާތު ހޯދުމަށް، ނޭކުރަންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ އަށް މަޖިލިސް މެދުވެރިކޮށް ސުވާލު ވެސް މިހާރު ފޮނުވާފައެވެ. މެމްބަރު ރާއީ ހުށަހެޅުއްވީ މި ސުވާކުތަކުގެ ޖަވާބު ލިޔުމުން ހޯދުމަށެވެ.

އެގޮތުން އެ ތަނުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިލައްވާފަވެއެވެ. މީގެ އިތުރަށް އެ ސެންޓަރު އެޅުމަށް ކޮންމެ އަހަރަކު ވެސް ބަޖެތުގައި ވަކި ވަރެއް ހިމަނާކަން ފާހަގަކޮށް، އެ ބަޖެޓުން މިހާތަނަށް ކުރީ ކޮން މަސައްކަތެއްތޯ ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ހދ. ނޭކުރެންދޫގައި ގާއިމްކުރަން ނިންމާފައިވާ ޖަލުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެތަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުކެވެ.