ގއ. ދާންދޫގައި އަލަށް އިމާރާތްކުރާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ.
ފެނަކައިގެ ދާންދޫ ބްރާންޗުގެ މެނޭޖަރު އިބްރާހީމް ދީދީ ވިދާޅުވީ، އެ އޮފީސް އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، މުވައްޒަފުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މީޓިން ރޫމާއި މެނޭޖަރު ރޫމެއް މި އިމާރާތުގައި ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި މި އޮފީހުގެ މަސައްކަތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ އޮފީސް އިމާރާތުގެ މަސައްކަތްތައް ނިމުމުން، މުވައްޒަފުންގެ މަސައްކަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި، ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީވެސް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރު ތެރޭގައި ވެސް ގިނަ ރަށްތަކެއްގެ އާ އިންޖީނުގެތަކާއި އާ އޮފީސް އިމާރާތްތަކުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!