ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް ކަމަށާއި، އެ މަޝްރޫޢުގައި ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ.

ސައްލެ މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ މައްސަލައަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެން އެމްޑީޕީ މެންބަރުންނާއި ސަރުކާރު ހިތްހަމަނުޖެހިގެން ހުށަހެޅި މައްސަލައެއްކަމަށް އެ މައްސަލައަށް ބަހުސްކުރެއްވި އިދިކޮޅު ބައެއް މެންބަރުން ވިދާޅުވުމުން ސައްލެ ވިދާޅުވީ، ހިތްހަމަ ނުޖެހިގެން އުޅެނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭތީ ނޫންކަމަށެވެ.

ފަލާހްގެ އެ މައްސަލައަށް ތާއީދު ކުރައްވަމުން ސައްލެ ވިދާޅުވީ، ހިތްހަމަ ނުޖެހިގެން އުޅެނީ ބޯހިޔާވަހިކަމުގެ ނަމުގައި ހަދައިދިން ތަންތަނުން ހިޔާވަހިކަން ނުލިބޭތީ ކަމަށެވެ. އަދި އެތަންތަން ހިޔަލަކަށް ވެސް ނުވާތީ ކަމަށެވެ.

"އެތަންތަން ނުހައްގުން ބޮޑުއަގުގައި ދީފަ ވާތީ، ދައުލަތް އެ މަޝްރޫޢުގެ ސަބަބުން ދަރާ ވިކިފައި ވާތީ، އެއީ ހިތްހަމަނުޖެހިގެން އުޅޭ ސަބަބަކީ، ކައްޗަށްއެޅި ބިންގަލެއް ކެއްޗަށް ނެގިޔަސް ރަނގަޅެއް ނުވާނޭ މުސްކުޅިން ބުނޭ، މި މަޝްރޫޢުގައި ވިދާޅުވެބައްލަވާ ރަނގަޅަށް ހިނގާފައި އޮތް އެންމެ ކަމެއް، ފެށުން ވެސް ގޯސް" ސައްލެ ވިދާޅުވިއެވެ.

ސައްލޭގެ ވާހަކައިގެ އެހިސާބުން ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވަނީ ނިޒާމީ ނުކުތާއެއްނަންގަވައި ސައްލޭގެ ވާހަކަ ހުއްޓުވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ކުރިއަށް ގެންދަމުން ސައްލެ ވިދާޅުވީ، އިދިކޮޅު މެންބަރުން އެ މައްސަލަ ބަލަން ވޯޓުވެސް ނުދެއްވާ ކަމަށާއި، އަދި އެ މައްސަލަ ބަލަން ޝައުގުވެރިކަމެއް ވެސް ނެތްކަމަށެވެ.

"އަޅުގަނޑުމެންނަކީ މިސަރުކާރުގައި ހިނގިއަސް ކަރަޕްޝަންގެ ކަމެއް އެކުލެވޭ ކަަމަށްވަންޏާ އެކަމެއް ބަލަން ތާއީދު ކުރާ ބައެއް، ވެންޓިލޭޓަރުގެ މައްސަލަ ބަލަން އަޅުގަނޑުމެން ހުރިހާ މެންބަރުން ވޯޓު ދިނިން، އެކަމަކު ކީއްވެގެންތޯ މި މައްސަލަބަލަން އެ ބޭފުޅުންނަށް ވޯޓުދެއްވަން ކެރިވަޑައި ނުގަންނަވަނީ، އިޚްލާސްތެރިކަން ނެތީ، ގައުމަށް ވަފާތެރި އިޚްލާސްތެރިކަންނެތީ،" ސައްލެ ވިދާޅުވިއެވެ.

އެ މައްސަލާގައި އިދިކޮޅު މެންބަރުން އަމަލުތައް ބަހައްޓަމުންދާ ގޮތުން ހެއްކަކަށް ފުދޭ ކަމަށްވެސް ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވިގޮތުގައި ހިޔާ މަޝްރޫޢުއަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ހުޅުވާލުމުން 3 ޕާޓީއަކުން ބިޑް ކުރިކަމަށެވެ. އެހެންނަމަވެސް ބިޑް ކާމިޔާބުކުރި ކަމަށް އެ ސަރުކާރުން ނިންމީ އެންމެ ބޮޑު އަގު ހުށަހެޅި ޕާޓީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ޕާޓީން ބިޑް ހުށަހެޅީ ޔުނިޓަކަށް 62 ހާސް ޔޫއެސް ޑޮލަރުގެ މަގުންނެވެ.

"މާލިއްޔަތުގެ ކޮން ޤަވާޢިދަކުން ކޮން ޤާނޫނަކުންތޯ ޖަސްޓިފައި ކުރވޭނީ، ދެވަނަ ޕާޓީން ޔުނިޓަކަށް 50 ހާސް ޑޮލަރު ހުށަހެޅި، ތިންވަނަ ޕާޓީން ޔުނިޓަކަށް 52 ހާސް ޑޮލަރު ހުށަހެޅި، މިކަމުގައި ހައުސިން މިނިސްޓްރީއިން ރައީސް އޮފީހަށް ދީފައި އޮތް ލަފައަކީ ޔުނިޓެއް އެޕްރޫވްކޮށްދެއްވާށޭ 55 ހާސް ޑޮލަރަށް، އެންމެފަހުން އެ ވޯޑްކޮށް ނިމުނީ 62 ހާސް ޑޮލަރަށް މިއީ ތޯ އިހްލާސްތެރިކަމަކީ، މިއީތޯ ވަފާތެރިވުމަކީ"

ސައްލެ ވިދާޅުވީ އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއިން ފެލެޓެއް 62 ހާސް ޑޮލަރަށް ރައްޔިތުންނަށް ވިއްކަން ޖެހުން ކަމަށެވެ.

"ދޮރެއް ނެތް، ދޮރުފަތެއްނެތް، ތަށިމުއްޓެއް ނެތް، ފަރުނީޗަރެއް ނެތް، ކުލަކޮޅެއް ވެސް ނެތް 4 ފާރުގެ އަގަކީ ގާތް ގަނޑަކަށް 9 ލައްކަ ރުފިޔާ، މިހެންވެގެން ހިތްހަމަ ނުޖެހިގެން އުޅެނީ" ސައްލެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އަޅާ 5 ލައްކަ އަކަފޫޓްގެ ފްލެޓެއް 42 ހާސް ޑޮލަރުގެ މަގުން ރައްޔިތުންނަށް ދޭނެ ކަމަށާއި، ތަފާތަކީ އެއީ ކަމަށެވެ.