ހއ. މާރަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި އެވެ.

އެ ކޮމިޓީގެ ރައީސާ ފާތިމަތު ޝިފްނާ 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާ ކުރަން ނިންމީ އެރަށުގައި ހުރި ކައުންސިލުގެ ލައުޑް ސްޕީކަރ ތަކުން މުޅި ރަށަށް އަޑު ނުދިއުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އައުމުންކަމަށެވެ.

Ad
rt

އެގޮތުން، އެ ކޮމިޓީން ކައުންސިލާ ބައްދަލުކުރައްވާ ބެލިބެލުމުން، އެ ކައުންސިލުގެ ދެންނެވުންތައް ފޯރުކޮށްދޭ ލައުޑް ސްޕީކަރުތަކުގައި މައްސަލަ ހުރި ކަމަށް ޝިފްނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި، ކޮމިޓީގައި މަޝްވަރާކޮށް ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން ނިންމީ ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާ ކުރަން ." ޝިފްނާ ވިދާޅުވިއެވެ.

މާރަންދޫ އަންހެނުންގެ ކޮމިޓީގެ އަމިއްލަ ބަޖެޓުން ހަދިޔާކުރި 2 ލައުޑް ސްޕީކަރާއި އެކު މިހާރު އެރަށު ކައުންސިލުގައި 4 ލައުޑް ސްޕީކަރ ހުރެއެވެ.

އެ ކޮމިޓިން އަންނަނީ މާރަންދޫ ކައުންސިލާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، 10 ބައިވެރިންނާއެކު ކަށުކަމާކެމީގެ ބޭސިކް ކޯހެއް ހިންގާފާވާއިރު، މިހާރު އަންނަނީ ކަށުކަމާކެމީގެ އެޑްވާންސް ލެވެލްގެ ކޯހެއް ހިންގަމުންނެވެ.

މީގެ އިތުރުން، މާރަންދޫ ސްކޫލާއި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގުޅިގެން "އެންމެން އެކުގައި މާރާންދޫގައި" މި ނަމުގައި ރައްޔިތުންނަށް އެވެއަރނެސް ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން އާއި ގުޅިގެންވެސް ވަނީ އެވެއަރނެސް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ.

އަދި މިއަހަރުތެރޭގައި އެރަށުގެ ސްޕޯރޓްސް ކައުންސިލަރާއި ގުޅިގެން މާރަންދޫގައި ދިރިއުޅޭ އަންހެނުންނަށާއި އެރަށު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވޭނެކަމަށް މާރަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝިފްނާ ވިދާޅުވިއެވެ.