ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!

photo_2021-11-10_20-27-37

ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމެއް ނުވަތަ ތަމްރީނެއް ޙާސިލްނުކުރާ އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށް 40،157 ޒުވާނުން އެބަތިބި ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ކަންބޮޑުވާވަރުގެ މައްސަލަ އެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019" ނަމުގައި ކުރިއަށް ގެންދެވުނު ސާރވޭ އިން އަންދާޒާކުރެވުނުގޮތުގައި، ރާއްޖޭގެ އިދާރީ ރަށްރަށުގެ ޢާންމު ގޭބިސީތަކުގައި އުޅޭ ޒުވާނުންގެ ޢަދަދަކީ 138,755 އެވެ. މި ސާރވޭ އަކު ރިސޯޓް އަދި ސިނާއީ ރަށްރަށާއި ލޭބަރރ ކުއާޓަރ ފަދަ ތަންތަނުގައި އުޅޭ އާބާދީ ނުހިމަނައެވެ. އަދި ޒުވާނުންގެ ގޮތުގައި ބަލަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް އެ ބިއުރޯ އިން ބުނެފައިވެ އެވެ.

މި ސާރވޭ އިން ދެއްކި ގޮތުގައި ޒުވާނުންގެ ތެރެއިން ތައުލީމް ނުވަތަ ތަމްރީން ހާސިލްކުރަމުން ނުދާ އަދި އާމްދަނީލިބޭ މަސައްކަތެއްގައި ހަރަކާތްތެރިނުވާ ޒުވާނުން، ކުރުކޮށް ބުނާނަމަ "ނީޓް" ގެ އަދަދަކީ 40,157 އެވެ. އެއީ ޒުވާނުންގެ އާބާދީ ގެ ތެރެއިން %29 އެވެ.

ފިރިހެން އަދި އަންހެން ފަރާތްތަކުގެ އަދަދުވެސް ވަކިން އެ ސާރވޭގައި ވަނީ ހިމަނާފައެވެ. އެގޮތުން، ނީޓް އާބާދީގައި ޒުވާން ފިރިހެނުންގެ ތެރެއިން 10,005 ފަރާތެއް ވެއެވެ. މިއީ ޒުވާން ފިރިހެނުންގެ އާބާދީ 64,903 ގެ ތެރެއިން %15 އެވެ. އަދި ޒުވާން އަންހެނުންގެ ޖުމްލަ އާބާދީ ގައި 73,852 ހިމެނޭއިރު އޭގެ ތެރެއިން %41 ވަނީ ނީޓް އާބާދީގެ ތެރޭގައެވެ. އެއީ 30،152 އަންހެނުންނެވެ. އަންހެނުންގެ މެދުގައި "ނީޓް ރޭޓް" ގިނަވާ ސަބަބެއް ކަމުގައި ވަނީ ގޭތެރޭގެ މަސައްކަތުގައާއި އާއިލާގެ ޚިދުމަތުގައި ގިނަވަގުތު ހޭދަވެގެން ދިއުން ކަމަށް ފާހަގަކުރެވެއެވެ.

ނީޓް އާބާދީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ތިން ވައްތަރެއްގެ މީހުންނެވެ. އޭގެ ތެރޭގައި، "އަންއެމްޕްލޯއިޑް" މީހުން ނުވަތަ ވަޒީފާ ނޫނީ އާމްދަނީ ލިބޭ މަސައްކަތްކުރަން ބޭނުންވެގެން ހޯދާ ނުލިބިފައިވާ މީހުންނާއި "ޕޮޓެންޝަލް ލޭބަރ ފޯސް" ނުވަތަ އާމްދަނީ ހޯދަމުންދާ އެކަމަކު މަސައްކަތަށް ވަގުތުން ނުކުމެވެންނެތް މީހުން، އަދި މަސައްކަތެއް ނުހޯދި ނަމަވެސް ލިބިއްޖެނަމަ ކުރަން ތައްޔާރަށް ތިބި މީހުންގެ އިތުރުން "ލޭބަރ ފޯސްގައި ނުހިމެނޭ" ނުވަތަ މަސައްކަތެއް ނުހޯދާ އަދި ލިބުނަސް ކުރެވެންނެތް މީހުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ ސާރވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ޒުވާނުންގެ އާބާދީގެ %7.3 އަކީ އަންއެމްޕްލޯއިޑް ފަރާތްތަކެވެ. އަދި ވަޒީފާ ބޭނުންވާ ނަމަވެސް ނުލިބޭ %15.4 ޒުވާނުން ރާއްޖޭގައި ތިބި ކަމަށް ސްޓެޓިސްޓިކް ބިއުރޯ އިން ހާމަކުރެއްވި އެވެ.

މީގެ އިތުރުން، ސްޓެޓިސްޓިކްސް ބިއުރޯ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ޒުވާނުންގެ އާބާދީ އަކީ 257،215 ޒުވާނުންނެވެ. އޭގެތެރޭގައި 188،092 ފިރިހެނުންނާއި 69،123 އަންހެނުން ހިމެނެއެވެ.

2019 ވަނަ އަހަރު މިއަދަދު ބައިލައްކަ އާއި ގާތްކުރާއިރު މިހާރު މިއަދަދު އެއަށްވުރެއް މަތިވާނެކަމަށް ބެލެވެއެވެ. ކޯވިޑް19 ގެ ސަބަބުން އެތައްބަޔެއްގެ ވަޒީފާ ގެއްލި ވިޔަފާރިތައް ބަނގުރޫޓް ވެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *