މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ށ. ބިލެތްފަހީ، ފިނި، އާދަމް އަނޫސް ހިމެނިއްޖެއެވެ.
ރޭ މާލޭ ސިޓީގެ ތާޖުއްދީން ސްކޫލްގައި ކުރިއަށް ދިޔަ "މަތީ އަރުތަވެރިންގެ އިނާމް 2019" ހަފްލާގައި ވަނީ އެކި މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ.
2019 ވަނަ އެކި މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުންގެ ތެރޭގައި 8 ދަރިވަރަކު ހިމެނުނެވެ. މި ދަރިވަރުންގެ ތެރެއިން އަނޫސް އެއްވަނަ ހޯދާފައި ވަނީ އެކައުންޓިން މާއްދާއިންނެވެ. އަނޫސްއަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އުނގެނުނު ދަރިވަރެކެވެ.
އަނޫސްގެ މި ކާމިޔާބަށް އޭނާ ނިސްބަތްވާ ރަށްކަމަށްވާ، ށ. ބިލެތްފަހީގެ ކައުންސިލުންވަނީ މަރުޙަބާ ކިޔާފައެވެ.
އަނޫސްގެ އިތުރުން މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުން:
- އަހުމަދު ހިޒާމް ހަލީމް، ސާބިޔާ، ސ. މީދު، އައްޑޫ ހައި ސްކޫލު (ބިޒްނަސް ސްޓަޒީޒް އިން ދުނިޔޭން 1 ވަނަ)
- މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުއްމަތީގެ އާގެ، މ.މާލެ، ސީއެޗްއެސްއީ (އެކައުންޓިންއިން ދުނިޔޭން 1 ވަނަ)
- މަރިޔަމް ލަޔާލީ މުހައްމަދު، ރުނބާ، ސ. މީދޫ، އައްޑޫ ހައި ސްކޫލު (އެކައުންޓިން ދުނިޔޭން 1 ވަނަ)
- އަހުމަދު ނިސާލް އަބްދުﷲ، ގ. އާފެހި، މާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ބިޒްނަސް ސްޓަޑީޒްއިން ދުނިޔޭން 1 ވަނަ)
- ނަސަމް ނަސީމް، ރަތްވިލާގެ، ލ. ފޮނަދޫ، ސީއެޗްއެސްއީ (އެކައުންޓިން އިން ދުނިޔޭން 1 ވަނަ)
- އަނާ ހަސަން، ރ. ވިލާގެ، ނ. މާފަރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (އެކައުންޓިން އިން ދުނިޔޭން 1 ވަނަ)
- މައިހާ ހަސަން، ސޭޑީޔާޑް، ސ. ހިތަދޫ، އައްޑޫ ހައި ސްކޫލު (އެކައުންޓިން ދުނިޔޭން 1 ވަނަ)
މި ދަރިވަރުންނަށް އިނާމާއި، މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ޞާލިޙްއެވެ.
2019 ވަނަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން 1،677 ދަރިވަރަކު ބައިވެރިވިއިރު، އޭގެ ތެރެއިން 218 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!