މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތުރާކުނު ކައުންސިލުން ވިދާޅުވީ މި ކުޅިވަރުތަކަކީ އެ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ޕެންޑް ކޮމިއުނިޓީ އެންޕަވަމަންޓް އާއި ގުޅިގެން ޒުވާނުންގެ ދުވަސް އެރަށުގައި ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ކުޅިވަރު ތަކެއް ކަމަށެވެ.

Ad
rt

އެގޮތުން ބޭއްވޭ ކުޅިވަރުތަކުގެ ތެރޭގައި، އަންހެން އަދި ފިރިހެނުންނަށް ޚާއްސާ ހޭންޑް ބޯޅަ މެޗަކާއި އެރަށު ޒުވާނުންގެ ޓީމަކާއި ރަށުން ބޭރު ޓީމަކާއި އެކު ކުޅެވޭ ފުޓު ބޯޅަ މެޗުގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން 3 ޓީމު ހިމެނޭ، ކޮންމެ ޓީމެއްގައި 10 ބައިވެރިންނާއެކު ބޭއްވޭ މަސްރޭސް ފާހަގަކޮށްލެވެއެވެ.

އަދި ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވޭ ކަލަރ ރަން އަދި އެރަށު ފަޅުތެރެ ސާފުކުރުން މި ހަރަކާތްތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް އެރަށުގައި ހިންގުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރ 2011 އާއި 30 އޮކްޓޯބަރ 2011 އާއި ދެމެދުއެވެ.

މި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން 2021 އޮކްޓޯބަރ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން، ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ތުރާކުނު ކައުންސިލް އިދާރާގެ ސްޕޯރޓްސް ކައުންސިލަރ މުޙައްމަދު ޢަޠީފްގެ ނަންބަރ 772754 އަށް ގުޅައިން ނަންނޯޓް ކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ރާއްޖޭގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރައީސްއުލްޖުމްހޫރިއްޔާ ނިންމާފައިވަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރަމުން ދަނީ ހދ. ކުޅުދުއްފުށީ ސިޓީގައެވެ.