ށ. ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން އިންދުމަށް 3000 މަގޫ ގަސް އެރަށަށް ގެންގޮސްފިއެވެ.

ކޮމަންޑޫ ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށް ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމަށް އެކައުންސިލުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މަގޫ ގަސް އިންދުމަށް، މަގޫ ގަސް ހޯދުމުގެ ދަތުރެއް އިއްޔެ ވަނީ އެ އަތޮޅުގެ މަރޮށްޓަށް ކޮށްފައެވެ.

Ad
rt

މިގޮތުން މި ދަތުރުގައި 3000 މަގޫ ގަސް ގެނެވިފައިވާކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ކޮމަންޑޫ ކައުންސިލްއާާއި މަރޮށި ކައުންސިލްއާއި އެކު ގަސްވިއްކި ފަރާތްތަކަށް ފައިސާ ރައްދު ކުރުމަށް އެއްބަސްވުމެެއްގައި ސޮއިކުރެވިފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ކޮމަންޑޫ ކައުންސިލުން ވަނީ މިކަމުގައި ދެއްވި އެއްބާރުލުން ފާހަގަ ކުރައްވައި ށ. އަތޮޅު ކައުންސިލަށާއި، މަރޮށި ކައުންސިލަށާއި، ކޮމަންޑޫ ޕޮލިސްޓޭޝަނަށާއި އަދި ކޮމަންޑޫ ކައުންސިލްގެ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮމަންޑޫ ވަށައިގެން 10000 މަގޫގަސްއިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ކައުންސިލުން ފެށިއިރު އެ ކައުންސިލާއި، ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އަންނަނީ "ކަޅުއޮށްފުއްމި" ކަސްރަތު ޕްރޮގްރާމްގެ ނަމުގައި އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ވެސް ތައްޔާރު ވަމުންނެވެ. އެ ޕްރޮގްރާމް ފަށަން ނިންމާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މީގެއިތުރުން ކޮމަންޑޫ ކައުންސިލުން ވަނީ އެރަށުގެ މަސްވެރިންނަށް އަމާޒުކޮށްގެން މިދިޔަމަހު ނިޔަމި ކޯހެއްވެސް އެރަށުގައި ކުރިއަށް ގެންގޮސްފައެވެ.