ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ.
މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ.
މި ޕެޓިޝަން އަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން އެރަށާއި ގުޅިފައިވާ ދައްޕަރު ވަކިކުރުމާއި ގުޅިގެން އެ ނިންމުން ބާތިލުކޮށް އަލުން ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
ޕެޓިޝަން ހުށަހެޅުމަށްފަހު މަޖިލީސްކުރާގޭގެ ބޭރުގައި "ސޭވް ދައްޕަރު" ކެމްޕޭން ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ފިއްލަދޫ ޒުވާނުންގެ ފަރާތުން އިސްކޮށް އުޅުނު މުޙައްމަދު ވަހީދު ބުނިގޮތުން މި ޕެޓިޝަނުގައި ރައީސުލްޖުމްހޫރިއްޔާ ލާމަރުކަޒީ ގޮތުން ރާއްޖެ ހިންގުމަށް ގާނޫނަށް ގެންނެވި އިސްލާހުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިހްތިސާސްތަށް ކަނޑައެޅުއްވިއިރު ދައްޕަރު އޮތީ ފިއްލަދޫގެ އިހްތިސާސްގެ ދަށުން ކަމަށްވުމުން އައު ކައުންސިލުން ތަރައްގީ ޕްލޭން ހެދުމަށް ތައްޔާރުވީ ދައްޕަރުވެސް ހިމަނައިގެން ކަމަށެވެ.
"ރައްޔިތުންނާއި ގުޅިގެން އައު ކައުންސިލުން ދައްޕަރު ހިމެނޭހެން ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރަމުން ދަނިކޮށް 29 އޯގަސްޓުވަނަ ދުވަހު ކުއްލިއަކަށް އެއްވެސް އެންގުމަކާއި ނުލާ ރައީސުލްޖުމްހޫރިއަޔާ އައު ގަރާރެއްގެ ދަށުން ފިއްލަދޫގެ އުތުރު ބިމުން ދައްޕަރޭ ކިޔާ ސަރަހައްދު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ވަކިކުރެއްވީ" ވަހީދު ކިޔައިދިނެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރެއްވި ހިސާބުން ފެށިގެން އެރަށު ކައުންސިލުން އެ ނިންމުން ބާތިލް ކުރެއްވުމަށް އެދި މަސައްކަތް ފެއްޓެވި ކަމަށާއި ކައުންސިލާއި ރައްޔިތުން ބައްދަލުކޮށް އެހުމުން ކައުންސިލަށް އެއްވެސް ވަރަކަށް އެކަން އެއްވެސް ގޮތަކަށް އެނގިފައި ނުވާކަން އިނގިގެން ދިޔަކަމަށް ވަހީދު ބުންޏެވެ.
ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު ވަނީ އެމައްސަލާގައި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އެ މަޝްވަރާތަކަށްފަހު ފިއްލަދޫ ރައްޔިތުންގެ އެދުމާއެއްގޮތަށް ދައްޕަރުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ފިއްލަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!