ށ. މާއުނގޫދޫގައި އަންނަ އޮކްޓޯބަރު މަހު "ފެހުމުގެ އެޑްވާންސް ކޯހެއް' ފަށަން ނިންމައިފިއެވެ.

މި ކޯހަކީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

Ad
rt

އަދި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮމިޓީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 14:00 ކުރިން ބައިވެރިވާން އެދޭ ފޯމު ފުރުމަށްފަހު އެރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެ ކޮމިޓީން ވަނީ އެދިލައްވާފައެވެ. މި ފޯމް އެ އިދާރާއިން ލިބެން ހުންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ސަލްމާ އަބްދުއްޞަމަދު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހަކީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 25 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

" ކޮންމެ ދުވަހަކު 3 ގަޑިއިރު މި ކޯހުގެ ކްލާސްތައް ކުރިއަށް ދާނެ. ބަންދު ދުވަސް ތަކުގަވެސް. ޔަގީންކަން ދެން މި ކޯސް ނިމޭއިރު ބައިވެރިންނަށް ރަނގަޅަށް ފަހަން ދަސްވެފަ ހުންނަނީ" ސަލްމާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ކޯހުގައި ކިޔަވައިދޭނީ ރަށުން ބޭރުން ގެންނަ ތަޖުރިބާކާރު ފެހުންތެރިއެއް ކަމަށްވެސް ސަލްމާ ވިދާޅުވިއެވެ.

މި ކޯހުގެ އަގަކީ 3000 ރުފިޔާ ކަން ފާހަގަ ކުރައްވާ ސަލްމާ ވިދާޅުވީ ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކޯހުގެ ފީން 500 ރުފިޔާ އެ ކޮމިޓީގެ ފަރާތުން ކަނޑާދޭނެ ކަމަށެވެ.

އަދި ބައިވެރިން ކޯހަށް ހާޒިރުވާއިރު ބޭނުންވާނީ ހަމައެކަނި ކަތުރަކާއި ފަހާ ފޮށްޓެއްކަމަށާއި ދެން ބޭނުންވާ ހުރިހާ ސާމާނެއް އެ ކޮމިޓީގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމަށް ސަލްމާ ވިދާޅުވިއެވެ.

މީގެ ކުރިން ސަލްމާ 'ތިލަދުން' އަށް ދެއްވި އިންޓަރވިއު އެއްގައި ވަނީ އެ ކޮމިޓީން މިއަހަރު އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ރޭވިފާވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މި ކޯސް ފެށުން ލަސްވެގެން ދިޔައީ ކިޔަވަދޭނެ ފަންނީ ބޭފުޅެއް ހޯދުމަށް ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށް އެ އިންޓަރވިއުގައި ސަލްމާ ވިދާޅުވިއެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މީގެ ކުރިންވެސް ވަނީ ގިނަ ހަރަކާތްތަކެއް އެރަށުގައި ހިންގާފައެވެ. އެގޮތުން، އެރަށު ގޮނޑުދޮށް ސާފުކުރުމާއި ނިމިދިޔަ އަޟްހާ އީދުގައި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އެ ކޮމިޓީގެ ފަރާތުން އީދު ހަދިޔާ ބެހުމުގެ އިތުރުން 8 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން އެރަށުގައި ނަމާދު ކުރަން ދަސްކޮށްދޭ ކްލާހެއް ބޭއްވުން ފާަހަގަކޮށްލެވެ އެވެ.