ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޙަލީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށާފައެވެ.

Ad
rt

މި މައްސަލާގައި ބުނެފައި ވަނީ މި މައްސަލައަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކާމެދު ކަންބޮޑުވުން އެ މުވައްޒަފުން އުފުލަމުންދާއިރު މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.

ދިވެހި ގައުމު ހިންގުމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އުފުލަމުންދާ އެއް ފަރާތަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށް މި މައްސަލާގައި ބުނެފަވެއެވެ.

"އެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެއްވަމުން ގެންދާ ހިދުމަތާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ދިވެހިރައްތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަބަދުބެސް ދެކެއެވެ. ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައާ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ލަސްނުކޮށް ނިންމުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެރައްޔަތުންގެ މަޖިލީހުގެ ގަވާއިދުގެ 173 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ." މި މައްސަލާގައި ބުނެފަވެއެވެ.

ދިވެހި ސިވިސްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއިރު، ދިވެހި ސިވިލް ސާވަންޓުން އިއްޔެ ވަނީ އެ މުވައްޒަފުންގެ ކަންބޮޑުވުން ހާމަކުރުމަށް ކަޅުހެދުމުގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.

މިއާއިއެކު ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެކުލަވާލަމުން އަންނަ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފެށޭނެ ކަމަށް، ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ.