ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންގގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން "ފަސޭހަކަމާއެކު ދޫވެގެންދާތީ" އެމްޑީޕީގެ ކަންބޮޑުވުން

MDP PG

ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި، ދަޢުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއްކަމަށާއި އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފި އެވެ.

އެމްޑީޕީއިން މިކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޙައްޔަރުކުރެވޭ މީހުން ފަސޭހަކަމާއެކު ދޫވެގެންދާދިއުމާއި، އަދި އެގޮތަށް ވުމުން މި ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާގެ މައްސަލައަށް ވެސް އެ ނަތީޖާގެ އަސަރު ފޯރަފާނޭކަމަށް ދެކެވޭކަމުން،  އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެބަޔާނުގައި ބުނެފައިވަނީ، އެންމެ ފަހުން، ދަޢުވާކުރެވެން ނެތްކަމަށް ބަޔާންކޮށް ދޫކޮށްލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައި.އެސް.) ގެ ލީޑަރުގެ ގޮތުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވެ، ހަނގުރާމައަށް ދިވެހިން ފޮނުވުމަށް ރެކްރޫޓްކޮށް، ހަނގުރާމައަށް ދިވެހިން ފޮނުވަމުންދާކަމުގެ ތުޙުމަތުގައި ޙައްޔަރުކުރެވި، ދަޢުވާއުފުލިފައިވާ މީހެއްކަމަށާއި އަދި އެނާ އަކީ ބޭރުގެ ޤައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުންނާއި ވޮޗްލިސްޓްގައި ވެސް ފާހަގަކޮށްފައިވާ ފަރާތެއްކަމަށެވެ.

"އެހެން ނަމަވެސް އޭނާ ވެސް ދޫކޮށްލާފައިވަނީ، ތުޙުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ޤަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫނެވެ. ނުވަތަ ހައްޔަރުގައި ބަހައްޓަންޖެހޭ ހެއްކާ ޤަރީނާ ނެތުމުގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެއާ ޚިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާޢީ ޙުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ޤާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެންނެވެ."

އެބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ސީރިއެސް އަދި ބޮޑު ޓެރަރިޒްމްގެ މައްސަލައެއްގައި ޙައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ޤާނޫނީ ޙުއްޖަތެއްގައި ދޫވެދިއުމަކީ، ތަޙްޤީޤުކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓަރ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއެސް ވާންޖެހޭ މިންވަރަށް ޢަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ޙަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދަޢުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާހަކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން. ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމުގެ ނުރައްކަލާމެދު ޢަމަލުކުރުމުގައި ސަމާލުކަން ދިނުމުގައާއި ފަރުވާތެރިވުމުގައި އިޙްމާލުނުވުމަށާއި، ނުވަތަ ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ޕާރޓީން އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *