އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. މިގޮތުން މިއަދު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ.
މި ދެ ހުށަހެޅުމަކީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ.
ކަފާލާތާއި ހުކުމް ތަންފީޒުކޮށް ދިިނުން ފަސްކުރުމާ ބެހޭގޮތުން ދައުލަތުގެ ޖަވާބު ޔާމީންގެ ވަކީލުންނަށް ލިބިވަޑައިގަތީ އިއްޔެ ކަމަށްވާތީ އެއަށް ރައްދު ދޭން އިތުރު ވަގުތު ބޭނުންވާތީ ކަމަށް ޔާމީންގެ ވަކީލުން އެދުމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ ބެހޭ ބައި ދެ ދުވަސް ފަހުން ކުރިއަށް ގެންދިއުމަށެވެ.
އެހެންނަމަވެސް އިސްތިއުނާފް ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ވެސް ކުރިއަށް ގެންދިއުމަށް ވެސް ފަނޑިޔާރުން ނިންމެވިއެވެ.
މިއަދު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!