ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މޮނިޓަރިންއަށް ލާފައި އޮތް ހދ. ނޮޅިވަރަމަށް އެހީތެރިވާން ބޭނުންވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އަވައްޓެރި ނޮޅިވަރަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން އެރަށަށް އެހީތެރިވުމުގެ ފުރުސަތު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މިހާރު ވާނީ ހުޅުވާލެވިފަ ކަމަށެވެ.
އެގޮތުން، އެެ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ތަފާތު ވައްތަރެއްގެ ތަކެތި އެ އިއުލާނުގައި ވަނީ ލިސްޓު ކޮށްފައެވެ. އޭގެތެރޭގައި، ފެނާއި، ސެނިޓައިޒާރ އަދި ސާރޖިކަލް މާސްކް ފަދަ ބަލިން ރައްކާތެރިވުމަށް ބޭނުންވާ މުހިންމު ބައެއް ތަކެއްޗާއި، ކާންބޯން ބޭނުންކުރާ ދަޅު މަސް ނުވަތަ ވަޅޯމަސް، ދަޅު ކާނާ އާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ނޫޑްލްސް ނުވަތަ ޕާސްތާ ފަދަ ތައްޔާރީ ކާނާ ހިމެނެއެވެ.
އަދި މި ތަކެތިން އެމީހަކަށް ހަދިޔާކުރެވޭނެ ފަދަ ތަކެތި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ކުޅުދުފުށި ސިޓީގެ އުތުރު ބަނދަރު ސަރަހައްދުގައި އަލަށް އިމާރަތް ކުރެވުނު ދަތުރުހިޔާ އަށް ގޮސް ހަދިޔާ ކުރެވޭނެ ކަމަށް އެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
އެގޮތުން، މި ތަކެތި ހަވާލުކުރަން ކަނޑައަޅާފައިވާ ވަގުތު ތަކަކީ މިއަދު ހަވީރު 16:30 އާއި 17:30 އާ ދެމެދު އަދި މިރޭ 20:00 އާއި 22:00 އާއި ދެމެދު ކަންވެސް އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.
"ކާޑުގެ ބާވަތްތައް އަދި ވަޅޯމަސް ހަދިޔާކުރައްވަން ބޭނުންވާ ފަރާތްތަކުން ތަކެތި ރަނގަޅަށް ބަންދުކުރައްވައިގެން ގެނެސްދެއްވުން އެދެން"
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިއުލާނުގައި ވިދާޅުވިއެވެ.
ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓިންގެ ހާލަތަށް ގެނައީ ހުސްވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.
އަދި ނޮޅިވަރަމު ސިއްހީ މަރުކަޒުން އާންމުކުރެއްވި އެންމެ ފަހުގެ މައުލޫމާތުގައި ވާގޮތުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފައެވެ.
އަދި މި ދަނޑިވަޅުގައި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ އެ ދާއިރާއަށް އަދި ޚާއްސަކޮށް ނޮޅިވަރަމަށް ބޭނުންވާ ކާބޯތަކެއްޗާއި، ސިއްޙީ ދާއިރާއަށް ބޭނުންވާނެ އެންމެހައި ތަކެތި ހޯދައިދީ، އަދި ސިއްޙީދާއިރާގެ ޤާބިލް ފަރާތްތައް ވީހާވެސް އަވަހަށް އެރަށްރަށަށް ފޮނުވައިދުނުމަށް އެ މައްސަލާގައި ސަރުކާރަށް ގޮވާލައިފާވެއެވެ.
ނޮޅިވަރަމް ކްލަސްޓަރ އާއި ގުޅިގެން އެ ދާއިރާގެ ނޮޅިވަރަންފަރުން ވެސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިކަމާއި ގުޅިގެން ނޮޅިވަރަންފަރު ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!