ހދ. ނޮޅިވަރަންފަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ނެގުނު ސާމްޕަލް ތަކުން 12 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

"އޭގެތެރޭގައި ފްލޫ ސާމްޕަލާއި، ރެންޑަމް ސާމްޕަލް ވެސް ހިމެނޭ" ނަދީމް ވިދާޅުވިއެވެ.

އިއްޔެގެ ހަވީރު 6:00ގެ ނިޔަލަށް ކޯވިޑަށް ޓެސްޓް ކުރުމަށް ޖުމްލަ 333 ސާމްޕަލެއް އެރަށުން ވަނީ ނަގާފައެވެ. އޭގެތެރެއިން 311 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ.

ނޮޅިވަރަންފަރުން ޕޮޒިޓިވް އެންމެންނަކީ ވެސް ދިވެހިންނެވެ.

ނޮޅިވަރަންފަރަކީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެއްވެސް ޕޮޒިޓިވް ކޭހެއް ނުފެނި އޮތް ރަށެކެވެ. އެދުވަހު އެރަށުން ޕޮޒިޓިވް ކޭހެއް ފެނި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އަވަށްޓެރި ނޮޅިވަރަމް ކްލަސްޓާއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު އެރަށުގެ މީހެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

ނޮޅިވަރަންފަރުގެ ހާލަތު ގޯސްވާން ފެށުމުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ކައުންސިލުން ވަނީ ވަރުގަދަ ކޮށްފައެވެ. މިގޮތުން ރަށުގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އަށް ވިޔަފާރިކުރާ ތަންތަން ބަނދުކޮށްފައި ބެހެއްޓުމަށް ނިންމާފައވާއިރު، ކެފޭ ރެސްޓޯރެންޓްތަކުން ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް ޑެލިވަރީގެ ޚިދުމަތް އެކަނި ދިނުމަށް ވަނ ގަނީ އަންގާފައެވެ.

މީގެއިތުރުން ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި، އެޗްޕީއޭއާއި އެ ރަށުގެ ކޯވިޑް ޓާސްކްފޯސްއިން އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށާއި އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންގައި، އަދި ގިނަބަޔަކު އެއްވެގެން ރާވާހިންގާ ކަންކަން ކުރިއަށް ނުގެންދިޔުމަށް ވެސް އަންގާފައެވެ.