ޖަލާލުއްދީން ސުކޫލުގެ "އިންކްލޫސިވް ސަޕޯޓް ޔުނިޓް"އަށް ޔާސިރުގެ ބޮޑު އެހީއެއް

Yasir

ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި މިއަހަރު އަލަށް ތަޢާރަފް ކުރެވުނު 'އިންކްލޫސިވް ސަޕޯރޓް ޔުނިޓް' އަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވައިފިއެވެ.

އެގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް އެ ސުކޫލުގެ ފަރާތުން އުފައްދާފައިވާ މި ޔުނިޓަށް ޔާސިރުވަނީ 98،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރައްވާފައެވެ.

އޭގެ ތެރޭގައި، ޕްރިންޓަރަކާއި، ލެމިނޭޓަރަކާއި، 4 ކޮމްޕިއުޓަރާއި، 4 ކޮމްޕިއުޓަރު ގޮނޑީގެ އިތުރުން ޕާޓިޝަން ޖެހި 4 މޭޒު ހިމެނެއެވެ. އަދި ކްލާސް ރޫމުގައި ކުދިންނަށް ޚާއްސަކޮށް ޓްރެމްޕޮލިން އަކާއި ޕްލޭމެޓަކާއި ތެރަޕީ ބޯޅައެއްގެ އިތުރުން ޑަސްބިނެއްވެސް ޔާސިރު ވަނީ ހަދިޔާކުރައްވާފައެވެ.

'ތިލަދުން' އަށް މައުލޫމާތުދެއްވަމުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު ވިދާޅުވީ އިންކްލޫސިވް ސަޕޯރޓް ޔުނިޓަކީ އެ ސުކޫލުގައި މިއަހަރު އަލަށް ތަޢާރަފް ކުރެވުނު ޔުނިޓެއްކަމަށެވެ. މީގެ ކުރިން އެ ސުކޫލަކީ ސާނަވީ ތައުލީމު ދެމުން އައި ސްކޫލެއްކަމަށާއި ސެން ނުވަތަ ކިޔެވުމުގައި ޚާއްސަ އެހީ ބޭނުންވާ ކުދިން ފާހަގަވާން ފެށީ މިދިޔަ އަހަރު އެ ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން ފެށުނު ހިސާބުންކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ކުދިން ފާހަގަކޮށް މިއަހަރު ވަނީ މުޅިއަކު 3 ސެން ޓީޗަރުންނާއެކު އާދައިގެ ކްލާހެއްގައި މި ޔުނިޓް އުފައްދައި އެ ދަރިވަރުންނަށް ކިޔަވާދޭން ފަށާފަކަމަށްވެސް އައިމިނަތު ވިދާޅުވިއެވެ. އަދި އުންމީދަކީ އެ ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންންގެ ޔުނިޓަށް ވަކިން ކްލާސް ރޫމެއް އެޅިގެންދިއުން ކަމަށްވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"ސެން ޓީޗަރުންނަށް ވަކިން ވޯރކް ސްޕޭސް އެއް ހެދިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެއް. މި ޔުނިޓް އަދި އެހާ ބޮޑު ނޫންކަމުގައިވިއަސް އުންމީދަކީ ކުރިއަށް އޮތްތާނގައި މި ޔުނިޓުގެ ޚިދުމަތް ފުޅާކުރެވިގެން ދިއުން " ޕްރިންސިޕަލް އައިމިނަތު ވިދާޅުވިއެވެ.

މީގެއިތުރުން، ޕްރިންސިޕަލް ވަނީީ މި ޔުނިޓު އެކުލަވާލެއްވުމަށްފަހު ޔާސިރުގެ އަރިހުން އެހީ އަށް އެދިލެއްވުމުން އެކަމަށް އިޖާބަދީ ދެއްވި ބޮޑު އެހީތެރިކަމަށް ޝުކުރުދަންނަވާފައެވެ. އަދި މީގެ ކުރިން ކުޅުދުއްފުށި ކައުންސިލްގެ ފަރާތުންވެސް އެދިލެއްވުމުން ދެއްވި އެހީތެރިކަމަށް ޕްރިންސިޕަލް ވަނީ ޝުކުރުދަންނަވާފައެވެ.

"އަޅުގަނޑުމެންގެ އެދުމަށް އެމްޕީ ޔާސިރު އަދި އެހެނިހެން ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި ޖަލާލުއްދީން ސްކޫލުގެ ޓީޗަރުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ނަމުގައި ޚާއްސަ ޝުކުރެއްދަންނަވަން" ޕްރިންސިޕަލް ވިދާޅުވިއެވެ.

އަދި ޔާސިރުގެ ފަރާތުން ލިބިލެއްވި އެހީގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާކުދިންގެ ތައުލީމަށް ދޭންޖެހޭ އެހީތެރިކަން ދިނުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށާއި މި ޔުނިޓުގެ ސަބަބުން ހާސިލްކުރަން ބޭނުންވާ އުންމީދުތަކަށް ވާސިލްވުމުގައިވެސް ފަސޭހަވެގެން ދާނެކަމަށް ޖަލާލުއްދީން ސުކޫލުން ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި