ހއ. ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން މިހެން ވިދާޅުވީ "ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އޮތަސް ތަރައްގީ ކުރެވޭނެ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ހަމްދާން ވިދާޅުވެފައި ވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ. ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ." ހަމްދާން ވިދާޅުވެފަވެއެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު "ތިލަދުން"އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން އިއްޔެ ވެސް، މިއަދު ވެސް ދައްޕަރުގެ މައްސަލާގައި އޭނާއަށް ގުޅުއްވިކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޅުގަނޑުގާތު ދެންނެވި ރައްޔިތުންނާއި ދެކޮޅަށް ރައީސުލް ޖުމްޙޫރިއްޔާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް" ފަތުޙުﷲ ވިދާޅުވިއެވެ.

ދައްޕަރު، ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރު ކުރުމާއި ގުޅިގެން ކައުންސިލްގެ ބަސް އަނޫސް ބަޔާނަކުން މިހާރު އާންމުކޮށްފައި ވާނެ ކަމަށް ވެސް ފަތުހުﷲ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/71572

ދައްޕަރު މައްސަލާގައި އެރަށުގެ ރައްޔިތުންގެ މެދުގައި މިހާރު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ކަމަށް ވެސް ފަތުހުﷲ ވިދާޅުވިއެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން އެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހއ. ދައްޕަރު އެ އަތޮޅު ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ވަކިކުރެއްވީ މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.