އަތޮޅު ކައުންސިލްގެ ނައިބުރައީސުންނަށް އިތުރު އެލަވަންސްއެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މުސާރައަށް އިތުރު 1،000ރ އެލަވަންސްގެ ގޮތުގައި އިތުރު ކުރުމަށެވެ. އަތޮޅު ކައުންސިލްގެ އެހެން މެންބަރުންނާއި ކައުންސިލްގެ ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ގެންނަން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި އެލަވަންސްގެ ގޮތުގައި 1000 ރުފިޔާދޭން ފާސްކުރީ ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މާލިއްޔަތު އެކޮމިޓީއަށް ސިޓީ ފޮނުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރިލް މަހު ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައިވަގޮތުން އަތޮޅު ކައުންސިލްގެ ކައުންސިލްގެ ރައީސް ފިޔަވާ އެހެން ހުރިހާ މެމްބަރުންނަށް ކަނޑައަޅާފައިވަނީ ރަށު ކައުންސިލްގެ ރައީސް ކަމުގެ މުސާރައެވެ. އެއީ 20،000ރ އެވެ. މާލިއްޔަތު ކޮމިޓީން މި ގެނައި ބަދަލާ އެކު އަތޮޅު ކައުންސިލްގެ ނައިބަކަށް ހުންނަ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 21،000ރ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!