ރަސްފަރި ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި ބޮޑު އާގުބޯޓެއް މާލެއަތޮޅު ރަސްފަރީ ފަރަށް އުރުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދު ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ.
ރަސްފަރީ ފަރަށް ނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އާގުބޯޓު އުރުނީ މީގެ ހަފްތާއެއް ކުރިންނެވެ. އެކަމާ ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކަމާބެހޭ އިދާރާތަކުން އެ ބޯޓު ފަރަށް އެރި ހާދިސާ ރަނގަޅަށް ބަލާ ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އެ މައްސަލަ ބެލުމަށް ގޮވާލާ ކަމަށާއި، އެއީ ބޮޑު އިހުމާލެއް އޮތް ކަމެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރަސްފަރީ ފަރަށް ބޯޓް އުރުނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށެވެ. ބޯޓްގައި ތިބީ ފިލިޕީންސްގެ 19 މީހެއް ކަމަށާއި ބޯޓް ފަރަށް އުރުނީ އޭގެ އިންޖީނު ހުއްޓިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްއާ އީޕީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އާގު ބޯޓު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ވަނީ މި މަހު 17 ވަނަ ދުވަހުގެ ރޭ 10:26 ގައި ކަމަށެވެ. އަދި 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރު ކާށިދޫ ކަނޑު މެދަށް ހުއްޓުނު ބޯޓު ފަރަށް އެރީ އޭޣެ 17 ގަޑި އިރު ފަހުންނެވެ.
އެހާ އިރު ވެގެންދިޔައިރުވެސް އެ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން ނަގިލި ލުމާއި، ކޯސްޓްގާޑަށް އެންގުން ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ބޯޓު ރަސްފަރި ފަރަށް އަރާފައި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައީ އެ ސަރަހައްދުން ދަތުރު ކުރި އާންމުންތަކަކަށް ފެނިގެންނެވެ.
މީ ކިހިނެއް ކޮންގޮތަކަށް ހިނގާފައިވާ ހާދިސާ އެއްތޯ ތަހްގީގި އިދާރާތަކުން ފުރިހަމަ ތަހްގީގެއް ކުރަންޖެހޭ، އަދި ރައްޔިތުންގެ މަޖްލިސްގެ 241 ކޮމިޓީން ބެލުމަށް އަޅުގަނޑު ގޮވާލަން، މި ކަމުގައި އިހްމާލް ބޮޑުކޮން އެބައޮތް، @MariyaDidi @aslamdp @mvpeoplesmajlis pic.twitter.com/TrvRjU6fSt
— Mohamed Raee / Makunudhoo Constituency (@Mraee12) August 25, 2021
ބޯޓު ފުން ކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް 24 ގަޑިއިރު ކުރިން ނިންމާލެވޭނެ ކަމަށާއި، ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ރާއްޖެއިން ބޭރުން ދެ ޓަގު ވަނީ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!