އިނގިރޭސި ވިލާތުގެ މިފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގަން ނިންމައިފިއެވެ.
ކޯވިޑް-19ގެ ސަބަބުން އެ ގައުމުން އެކި ގައުނުތަށް ވަނީ ކެޓަގަރީތަކަށް ލައިފައެވެ. ރޭގެ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓަށް ލާބެ ކަމަށް ގިނަ ބަޔަކު ތިބީއުއްމީދުކޮށްގެންނެވެ.
ރެޑް ލިސްޓުން މިފަހަރުވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭން މިހާރު “ޖީނޯމް ސީކުއެންސިން” ހަދާ ކަމަށާއި އެ ކަންތައް ލަސްވުމަކީ ސަބަބަކަށް ވެދާނެތޯ ވެސް ފަރަހަނާޒް ވަނީ ސުވާލު އުފައްދަވާފައެވެ. މިއީ ގައުމެއްގައިފެތުރޭ ކޮވިޑްގެ ވޭރިއެންޓު ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.
މި މަހުގެ ކުރީ ކޮޅުގައި ކުރި ރިވިއުގައި ވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގަ އެވެ. އެފަހަރު ރެޑް ލިސްޓުން ނުނެގީ ހަދަން ޖެހޭ ޓެސްޓުތަކެއްގެ ނަތީޖާ ފޮނުވުމުގައި ދިމާވިމައްސައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އިނގިރޭ ވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގަައުމަށް ދަތުރު ކުރާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ. މި މުއްދަތުގައި ކަރަންޓީންވާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައި ހުންނަ ފެސިލިޓީއެއްގައެވެ. އަދި ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ އަމިއްލައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!