"އުތުރު އަރުމާޒު" ރަމްޒުކޮށްދޭ ފުރިހަމަ ލޯގޯ އަކާއި އެކު ކުޅުދުއްފުށި ސިޓީ އާ ދަތުރަކަށް ނުކުމެއްޖެއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން މިވަނީ އެސިޓީއަށް ހާއްސަ ލޯގޯ އެއް ފަރުމާކޮށް އާންމުކޮށްފައެވެ.
ލޯގޯއިން ރަމްޒުކޮށްދެނީ ކޮން ކަމެއް؟
ކުޅުދުއްފުށި ސިޓީ ލޯގޯ އިން ރަމްޒު ކޮށްދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމަށާއި ކުޅުދުއްފުށީގެ ބޮޑު އާބާދީ އަކީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކަނޑުމަތީގައި މަސައްކަތް ކުރާ ފަރާތްތަކެއްކަމެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ އިޤްތިސާދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކަނޑު ދަތުރު ފަތުރުގެ މަށްޗަށްކަމަށާއި ކުޅުދުއްފުއްޓަކީ އަބަދުވެސް ރާއްޖޭގެ ނިސްބަތުން ކަނޑު ދަރުތު ފަތުރު ކުރުމުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެއްކަމަށްވާނީ އެވާހަކަ ލޯގޯއިން ދޭހަކޮށްދެއެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށުނު ދަތުރު، ކުޅުދުއްފުށި އިސްވެ އޮވެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރި "އުތުރު އަރުމާޒު" ދަތުރު ވެސް މިލޯގޯއިން ރަމްޒުކޮށްދެއެވެ.
"ލޯގޯގެ ވަށް ބުރުން އެފެންނަނީ ރޯނު، ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ އިޤްތިސާދީ މަސައްކަތެއް" ލޯގޯ އިން ރަމްޒުކޮށްދޭ ވާހަކަތައް އިތުރަށް ތަފްސީލްކޮށްދެއްވަމުން ކުޅުދުއްފުށި ސިޓީ އިން ހާމަކުރެއެވެ.
ލޯގޯ ފަރުމާ ކުރުމުގެ ފަހަތުގައި ތިބީ ކުޅުދުއްފުށީ ދެ ދަރިން!
ލޯގޯ ފަރުމާ ކުރުމުގެ ފަހަތުގައި ތިބީ ކުޅުދުއްފުށީ ދެ ދަރިން ކަމުގައިވާ ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު ރިޟްވާން މުޙައްމަދު (ރިލޭ) އެވެ.
ލޯގޯ އަކާއި އެކު ތަރަށްޤީގެ މުޅިން އައު ދަތުރެއް!
"ސިޓީ ކައުންސިލާ އެކު ކުޅުދުއްފުށި މި ފެށީ ތަރަށްޤީގެ މުޅިން އައު ދަތުރެއްކަން މިލޯގޯއިން ދައްކުވައިދޭނެ" ކަމަށް ކުޅުދުއްފުށި ސިޓީ އިން ހާމަކުރެއެވެ.
އުތުރުގެ ބޮޑު ދަތުރުގެ ހަނދާންތައް އާކޮށްދޭ ލޯގޯ އާންމުކުރުމަށްފަހު ކުޅުދުއްފުށި ސިޓީގެ މޭޔާރ ވިދާޅުވީ "ލޯގޯގެ ބޭރު ވަށްބުރުން އެ ފެންނަ ރޯނު ރަމްޒު ކޮށްދެނީ ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ ވަރުގަދަ އިޤްތިސާދީ މަސައްކަތެއް." ކަމަށާއި "ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށުނު ދަތުރު، ކުޅުދުއްފުށި އިސްވެ އޮވެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރި އުތުރު އަރުމާޒު ދަތުރު ވެސް މިލޯގޯއިން ރަމްޒުކޮށްދޭނެ."ކަމަށެވެ. އަދި މޭޔަރު އިތުރަށް ވިދާޅުވީ "އިރާދަކުރެއްވިޔާ ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު މި ފެށުނީ ކުޅުދުއްފުށީގެ ތަރަށްޤީގެ މުޅިން އައު ދަތުރެެއް"ކަމަށެވެ.
ލޯގޯ ފަރުމާ ކުރުމުގައި މަސައްކަތް ކުރެއްވި ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު ރިޟްވާން މުޙައްމަދު (ރިލޭ) ވެސް ވަނީ ލޯގޯ އާއި ބެހޭ ގޮތުން ފޭސްބުކްގައި ލިޔުއްވާފައެވެ. ރިލޭ ވިދާޅުވީ "މިފެންނަ ކުޅުދުއްފުށީ ކުޅުދުއްފުށްޓަކައްވީ ޒަމާނުންސުރެ ވަރުގަދަ ދަތުރު ފަތުރުގެ ނިޒާމެއް މިރަށުގައޮތަތީ" ކަމަށާއި "މިރަށަކީ ކަނޑު ދަތުރުކުރުމުގެ ރަނގަޅު ތާރީހެއް އޮތް ރަށެއް. ގަދަ ނޫ ނުވަތަ ނޭވީ ބުލޫ މިކުލަ ނެގުމުގެ މުރާދަކީ އެއީ"ކަމަށެވެ. އަދި "ރަން ކުލަ ނުވަތަ ގޯލްޑު ބޭނުން ކުރަން ނިމުނު އެއްސަބަބަކަށް ވީ ކަނޑު ދަތުރުގަ އަރާ އޮތް ރަށަކަށް ވެފާ، އެކަމުގެ މާހިރުން ނުވަތަ އެކަމުގެ ރަސްގެފާނުން ސިފަ ކޮއްދޭ ކުލަޔަކީ ރަންކުލައަށް ވާތީކަމަށް މެމްބަރު ރިލޭ ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާ ކުރެއްވީ ވަރަށް މާނަ ފުން ޅެމެކެވެ. ކުޅުދުއްދުށީ ލަގޮނޑި މާލިމީގެ މި ޅެމުގައިވަނީ
"އެޅުމުގައިވަނީ ދިޔަވަތް ރަނގަޅު އޮޑި،
ރިޔަލަށް ކެރެންޔާ
ވިޔަކަސް ރުޅާ ބޮޑު
ދީލާ ނުލާށޭ" މިފަދައިންނެވެ.
"އުތުރު އަރުމާޒު" ރަމްޒުކޮށްދޭ ފުރިހަމަ ލޯގޯ އަކާއި އެކު ކުޅުދުއްފުށި ސިޓީ އާ ދަތުރަކަށް ކުރިމަތިލާފައިވާއިރު ކުޅުދުއްފުށި ސިޓީ އިން ދަނީ ތަރައްގީގެ މަޝްރޫޢޫތަކަށް ތައްޔާރުވަމުންނެވެ. ލޯގޯ އަކީ އޭގެ ބިންގާއެވެ.
ދިޔަވަތް ރަނގަޅު އޮޑި
ރިޔަލަށް ކެރެންޔާ
ވިޔަކަސް ރުޅާ ބޮޑު
ދީލާ ނުލާށޭ- ކުޅުދުއްދުށީ ލަގޮނޑި މާލިމީ https://t.co/pnNwPvp8jw
— Yasir Abdul Latheef (@YasirLathyf) August 11, 2021
ކުޅުދުއްފުށި ސިޓީގެ ރަސްމީ ލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ. މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!