ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރަކަށް ވުމަށް މި މަހުގެ 24 ގެ މެންދުރު ދޭއްގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ މަޖިލީހުގެ 9 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާހުރި ޤާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ. ޕާޓީގެ މެމްބަރުން ކަމުގައިވީ ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ނުވުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެމްޑީޕީން ބުނީ ޕާޓީގެ ސެކްރެޓޭރިއެޓް މައި އޮފީހަށް ލިޔެކިޔުން ހުށަހަޅައިގެން ނުވަތަ ޕާޓީގެ އީމެއިލް secretariat@mdp.org.mv އަށް ލިޔެކިޔުން އީމެއިލް ކޮށްގެން މި މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ ފަރާތްތަކުން މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރު އެނގޭނޭ ލިޔުމެއް ހުށައަޅަން ޖެހޭނެއެވެ. އަދި ޕާޓިގެ ގައުމީ މަޖިލީހުގެ 2 މެންބަރެއްގެ ތާއީދު އޮތްކަން އެނގޭ ލިޔުމެއްވެސް ހުށައަޅަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!